"ލާމަސީލު ޒުވާނާ 2020" ނަމުގައި ކުރިއަށް ގެންދާ ކޭމްޕު ފަށައިފި އެވެ.

މިއަދު މެންދުރުފަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޤައުމަށްޓަކައި ކޮށްދޭ ޚިދުމަތަކީ ކޮންމެ މީހަކަށްވެސް ލިބޭ އުފަލަކަށް ވާންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ޒުވާނުންގެ ހިއްޞާއާއެކު މެނުވީ ހަރުދަނާ ޖީލެއް ބިނާ ނުކުރެވޭނެ ކަމަށާއި ޒުވާނުންގެ ބައިވެރިވުން ނެތި ތަރައްޤީވެފައިވާ އެއްވެސް ޤައުމެއް ނެތްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ލާމަސީލު ޒުވާނާ" ކޭމްޕަކީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޭމްޕެކެވެ.

މި ކޭމްޕުގެ މަޤްޞަދަކީ ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ، ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާޙައުލަށް ޝައުޤުވެރި، މަސައްކަތުގެ އަޚުލާގު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމެވެ.

މި ކޭމްޕުގައި ދަސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި، އަމިއްލަ ނަފްސާއި މެދު ހޭލުންތެރިކަން އިތުރުކުރުމާއި ނަފުސަށްކުރާ އިތުބާރާއި ޔަގީންކަން އިތުރު ކުރުމުގެ ގޮތުން ރެޕަލިންގެ ނުވަތަ ދުޅަހެޔޮ، ހަށިހެޔޮ ހަރަކާތްތަކާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ކާމިޔާބު ހޯދުމަށް ޓީމް ބިނާކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދިނުމާއި، ކޮންމެފަދަ ހާލަތެއް މެދުވެރިވިޔަސް އަމިއްލައަށް ސަލާމަތްވާނެ ހުނަރުތައް އަމަލީ ގޮތުން ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދައިދިނުން ހިމެނެއެވެ. މީގެ އިތުރުން ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ރިވެތި އަދަބުތަކާއި މައިން ބަފައިންގެ މުހިންމުކަމާއި އިސްލާމީ ރިވެތި އުސޫލުތައް ވެސް މި ކޭމްޕުގެ ތެރެއިން ދަސްކޮށްދެވޭނެއެވެ.

ބާރަ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ކޭމްޕުގައި ދ. އަތޮޅާއި ވ. އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ޒުވާނުން ބައިވެރި ވެއެވެ. މިއަހަރުގެ މި ކޭމްޕުގައި ޖުމްލަ 81 ޒުވާނުން ބައިވެރިވާއިރު އޭގެ ތެރޭގައި 32 އަންހެން ބައިވެރިންނާއި 49 ފިރިހެން ބައިވެރިން ހިމެނެއެވެ.

ބައިވެރިން ހޮވުމުގައި އިސްކަން ދީފައިވަނީ މަދުރަސީ ތަޢުލީމު ނިމި، މިވަގުތު ވަޒީފާއެއް އަދާނުކުރާ، ވަޒީފާގެ ބާޒާރަށް ނުކުތުމަށް ތައްޔާރުވަމުން އަންނަ ޒުވާނުންނަށް ކަމަށް ކޭމްޕު އިންތިޒާމްކުރާ ފަރާތުން ހާމަކުރައްވައެވެ. މިއަދު ބޭއްވި "ލާމަސީލު ޒުވާނާ 2020" ކޭމްޕު ފެށުމުގެ ރަސްމިއްޔާތަށްފަހު ކޭމްޕުގެ ބައިވެރިން ވަނީ ކޭމްޕު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ދ. ވާނީއަށް ދިއުމަށް ފުރާފައެވެ.