އެމެރިކާއިން އިސްރާއީލަށް 20 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ހުއްދަ ދީފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާއިން މިހުއްދަ ދީފައި މިވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ގަވާއިދުތަކަށް އިސްރާއީލުން ގޮންޖަހަމުންދާކަމުގެ ކަންބޮޑުވުންތައް އޮތް ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގާރަ ދުވަހު ބުނި ގޮތުގައި ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކަން މި ހަތިޔާރު ވިއްކުމަށް ހުއްދަ ދެއްވާފައިވެއެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ފައިޓަރ ޖެޓާއި ޓޭންކު މިއުނިޝަންސް އަދި އެއަރ-ޓު-އެއަރ މިސައިލްތައް ހިމެނެއެވެ.
އެމެރިކާއިން އިސްރާއީލުގެ ސަލާމަތަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި، އިސްރާއީލަށް ވަރުގަދަ އަދި ޒަމާނީ ދިފާޢީ ޤާބިލިއްޔަތެއް ތަރައްޤީކޮށް ދެމެހެއްޓުމަށް އެހީތެރިވުމަކީ އެމެރިކާގެ ޤައުމީ މަސްލަހަތުތަކަށް މުހިންމު ކަމެއް ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
މި އިޢުލާން ކުރެވުނީ އިސްރާއީލުން ހަމާސްއާއި ހިޒްބުﷲގެ އިސް އޮފިޝަލުން އަވަހާރަކޮށްލުމާ ގުޅިގެން އީރާނާއި ލުބުނާނުގައި އޮންނަ ހިޒްބުﷲ އިން ބަދަލު ހިފާނެ ކަމަށް ބެލެވޭ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅިގެން ސަރަޙައްދީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ކަންބޮޑުވުން އުފެދިފައިވެއެވެ.
އެމެރިކާއިން ބުނެފައިވަނީ މިފަދަ އިތުރު ހަނގުރާމައެއް ފެށުނަ ނުދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ރައީސް ޖޯ ބައިޑަން އަންގާރަ ދުވަހު ވިދާޅުވެފައިވަނީ ޣައްޒާގެ ހަނގުރާމަ ނިންމުމަކަށް ގެނެވިއްޖެނަމަ އީރާނުން ބަދަލު ހިފުން ހުއްޓުވިދާނެ ކަމަށެވެ.
ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 40،000 އާ ގާތްކުރާ އަދަދެއްގެ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ޣައްޒާގެ ގިނަ ސަރަޙައްދުތަކެއް ވަނީ ފަނާކޮށްލާފައެވެ. މީގެ އިތުރުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް ހުރަސްއަޅަމުންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!