ޔޫކްރެއިނުން ރަޝިއާގެ ކުރުސްކް ސަރަހައްދަށް އަރައި ހަމަލާދިނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް އެ ޖަމާއަތުގެ ޚާރިޖީ ސިޔާސަތުގެ އިސްވެރިޔާ ޖޯސެޕް ބޮރެލް ވިދާޅުވެއްޖެއެވެ.
އީޔޫގެ ޚާރިޖީ ސިޔާސަތުގެ އިސްވެރިޔާ ޖޯސެޕް ބޮރެލް ވިދާޅުވެފައިވަނީ ރަޝިޔާގެ ކުރުސްކް ސަރަހައްދަށް ޔޫކްރެއިނުން ދިން ހަމަލާއަށް އީޔޫގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށެވެ. މިއީ ޔޫކްރެއިނުން އެ ސަރަހައްދަށް ދިން ހަމަލާއާ ގުޅޭގޮތުން އޭނާ ދެއްވި ފުރަތަމަ ބަޔާނެވެ.
ފާއިތުވި އަންގާރަ ދުވަހު ޔޫކްރެއިނުގެ އެތައް ހާސް ސިފައިންނެއް ކުރުސްކް ސަރަހައްދަށް ވަދެ، އެތަނުގެ ބައެއް ރަށްތައް ހިފާފައިވެއެވެ. ނަމަވެސް ރަޝިޔާގެ އިތުރު ބާރުތަކާ ކުރިމަތިލާން ޖެހުމުން އެމީހުންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ އިސްވެރިޔާ ބޮރެލް އިތުރަށް ވިދާޅުވީ ޔޫކްރެއިނުގެ ޚާރިޖީ ވަޒީރު ދިމިޓްރީ ކުލެބާއާއެކު ކުރުސްކްގައި ހިނގަމުންދާ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރިކމަށެވެ. އަދި ޔޫކްރެއިނުގެ ހަމަލާއަށް އީޔޫގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އޮތްކަން އަޅުގަނޑު އޭނާ ތަކުރާރުކޮށް ކަށަވަރުކޮށްދިންކަމަށް ވިދާޅުވިއެވެ.
މީގެ ކުރިން އެމެރިކާ އަދި އީޔޫއިން ވަނީ ޔޫކްރެއިނުގެ ހަމަލާތަކާ ގުޅޭގޮތުން ސުވާލު އުފެދުމުން ޖަވާބުދާރީވުމުން އެއްކިބާވެފައެވެ. އެހެންނަމަވެސް ބޮރެލްގެ މި ބަޔާނަކީ އީޔޫގެ އިސް އޮފިޝަލަކު މިކަމަށް ހާމަކަން ބޮޑު ގޮތެއްގައި ތާއީދުކުރި ފުރަތަމަ ފަހަރު ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!