މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑުތިލަދުންމަތީގައި ހިމެނޭ އެންމެ އުތުރުގެ ދެ އަތޮޅުކަމަށްވާ ހއ. އަދި ހދ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ފެން ބޮޑުވެ، އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.
މިގޮތުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ހާމަކުރައްވާފައިވާ މައުލޫމާތަށް ބަލާއިރު މިރޭ 7:00 އާއި ހަމައަށް މި ދެ އަތޮޅުގެ 16 ރަށަކުން ގެއްލުންތައް ވެގެން ރިޕޯޓުކޮށްފައިވެއެވެ.
ގެއްލުންތައް ލިބިގެން ރިޕޯޓުކޮށްފައިވާ ހއ. އަތޮޅުގެ ރަށްތަކަކީ އިހަވަންދޫ، ހޯރަފުށި، ބާރަށް، އުލިގަމް، މާރަންދޫ، ތަކަންދޫ، މުރައިދޫ، ކެލާ، އުތީމު، މޮޅަދޫ، ވަށަފަރު އަދި ފިއްލަދޫއެވެ.
ހދ. އަތޮޅުން ރިޕޯޓްކޮށްފައިވާ ރަށްތަކަކީ، ނޮޅިވަރަންފަރު، ނޮޅިވަރަމް، ހަނިމާދޫ، ނެއްލައިދޫ އެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ދިވެހިރާއްޖޭގެ އަޑަށް މިރޭ ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މިރަށްތަކުގެ ތެރެއިން އެންމެ ބޮޑަށް ގެއްލުން ވެގެން ރިޕޯޓްކޮށްފައި ވަނީ އިހަވަންދޫ، ހޯރަފުށި، ކެލާ އަދި ބާރަށުންނެވެ.
މިރަށްތަކުގެ ތެރެއިން ފެންބޮޑުވެގެން ބާރަށުގެ ދެގެއްގެ މީހުން އެހެން ގެއަކަށް ބަދަލުކޮށްފައިވާއިރު، ހޯރަފުށިން ވަނީ ހަ ގެއެއްގެ މީހުންވަނީ އެހެން ތާކަށް ބަދަލުކޮށްފައެވެ. އަދި ކެލާއިން ދެ ގޭގެ މީހުންނާއި، އިހަވަންދޫގެ ދެ ގޭގެ މީހުން ވެސް ވަނީ އެހެން ތަންތަަނަށް ބަދަލުކޮށްފައެވެ.
މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ ވަނީ ހަމަޖައްސަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!