އިނގިރޭސި ސީޒަން ފެށުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗަށް މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ މިރޭ ނުކުންނާނެއެވެ.

ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ މި މެޗުގައި ޔުނައިޓެޑް ވާދަކުރަނީ މިދިޔަ ސީޒަންގެ އެފްއޭ ކަޕް ޗެމްޕިއަނުންގެ ގޮތުގައެވެ. ސިޓީ މި މެޗުގައި ވާދަކުރަނީ ނިމިދިޔަ ސީޒަންގެ ލީގު ޗެމްޕިއަނުންގެ ގޮތުގައެވެ.

Ad
rt

ފާއިތުވި ހަތަރު ސީޒަންގައި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދީ ސިޓީންނެވެ. މިއީ ސިޓީ ޖެހިޖެހިގެން ޝީލްޑް މެޗަށް ނުކުންނަ ހަތަރުވަނަ ފަހަރެވެ. އެންމެ ފަހުން ކުޅުނު ތިން ޝީލްޑް މެޗުން ވެސް ސިޓީއަށް މޮޅެއް ހޯދިފައި ނުވެއެވެ. މިދިޔަ ސީޒަން ހުޅުވުމުގެ ގޮތުން އާސެނަލްއާއި ދެކޮޅަށް ސިޓީން ކުޅުނު މެޗުގައި ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އޭގެ ކުރިން ދިޔަ ދެ ސީޒަންގައި ޝީލްޑް މެޗުގައި ސިޓީ ބަލިވީ ލިވަޕޫލާއި ލެސްޓާ ސިޓީ އަތުންނެވެ.

ނިމިދިޔަ ސީޒަންގައި ޔުނައިޓެޑުން އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސިޓީ ބަލިކޮށްގެންނެވެ. މި ދެ ޓީމް ފުރަތަމަ ފަހަރަށް ޝީލްޑް މެޗެއްގައި ވާދަކުރީ 2011 ވަނަ އަހަރުއެވެ. އެ އަހަރު ޔުނައިޓެޑް މޮޅުވީ 3-2 ގެ ނަތީޖާއިންނެވެ. ޝީލްޑް މެޗު 21 ފަހަރު ކާމިޔާބުކޮށް، އެނެމެ ގިނައިން ޝީލްޑް އުފުލާލާފައި ވަނީ ވެސް ޔުނައިޓެޑުންނެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް ޓެން ހާގް ބުނީ މިއީ ފައިނަލެއް ކަމަށާއި، ވުމާއިއެކު ޓީމް ތައްޔާރުވަނީ އެ ގޮތަށް ވިސްނައިގެން ކަމަށެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ގާޑިއޯލާ ބުނީ މިއީ މުހިންމު މެޗެއް ކަމަށާއި، ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މި މެޗަކީ އައު ސީޒަން ބައްޓަންކުރަން ފަށާ މެޗުކަމަށެވެ. ބްރޭކަކަށް ފަހު ހަރުފަތަކަށް ފަހު ހަރުފަތެއް ކުޅުންތެރިން ކުރިއަރަން މަސައްކަތް ކުރާ މެޗަކަށް ވުމުން މި މެޗު ފަސޭހަ ނުކުރާނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

މި މެޗަށް ނުކުންނައިރު ޔުނައިޓެޑަށް އަނިޔާގެ މައްސަލަ ބޮޑެވެ. އެ ޓީމާއި އަލަށް ގުޅުނު ޔޯރޯއަށް އަނިޔާވެ ތިން މަހަށް ކުޅުމާއި ދުރަށް ދާން ޖެހިފައިވާއިރު، އެ ޓީމްގެ ފޯވާޑް ރަސްމުސް ހުއިލަންޑް ވެސް ހުރީ އަނިޔާގައެވެ.

މި މެޗަށް ނުކުންނައިރު ސިޓީގެ އިނގިރޭސި ތިން ކުޅުންތެރިންކަމަށްވާ ސްޓޯން، ފިލް ފޮޑެންގެ އިތުތުން ވޯކާ މި މެޗުގައި ނުކުޅޭނެކަން ގާޑިއޯލާ ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ސްޕެއިންއާއިއެކު ޔޫރޯ ކާމިޔާބުކުރި ރޮޑްރީ ވެސް މި މެޗުގައި ނުކުޅޭނެއެވެ. އެ ކުޅުންތެރިން ޓީމާއިއެކު ފަރިތަކުރަން ފަށާނީ މި ހަފްތާތެރޭގައެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ހަތެއް ޖަހާއިރުއެވެ.