މަރުކަޒީ ބޭން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން މިއަދު ޢިއުލާންކޮށްފިއެވެ.
އެމްއެމްއޭގައި ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމު އުފައްދައި މަރުކަޒީ ބޭންކުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެތަނުގެ ބޯޑުން ފާސްކުރީ މި ހަފުތާގެ ކުރީ ކޮޅެވެ.
ފަސް އެމްޑީން ހޯދަން ކުރި ޢިއުލާންގައި އެމްއެމްއޭއިން ބުނީ އެ އެމްޑީންގެ ގޮތުގައި އެ ބޭންކަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވާ ކަމަށެވެ. އަދި މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެއް ކަމަށް ވެސް ބުނެފަވެއެވެ.
ފަސް އެމްޑީން ހޯދަން އެމްއެމްއޭއިން ކޮށްފައިވާ ޢިއުލާންގައިވާ ގޮތުން އެމްޑީން ހޯދަނީ ފަސް ދާއިރާއަކަށެވެ. އެ ދާއިރާތަކަކީ،
- މަނިޓަރީ ޕޮލިސީ، ރިސަރޗް އެންޑް ސްޓެޓިސްޓިކްސް
- ފައިނޭންޝަލް ސްޓެބިލިޓީ
- ބޭންކިންގ އޮޕަރޭޝަންސް
- ކޯޕޮރޭޓް ސަރވިސަސް
- ފައިނޭންޝަލް ސެކްޓަރ ޑިވަލަޕްމަންޓް
މި މަޤާމުތަކަށް ހޮވޭ މީހުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 50,000.00 – 55,000.00 ދެމެދު އަދަދަކަށް ރުފިޔާ ލިބެއެވެ.
މި މަޤާމުތަކުގެ ތައުލީމީ ފެންވަރު، ތަޖްރިބާ އަދި ހުނަރު ޓަރމްސް އޮފް ރިފަރަންސް ވަނީ މިކަމަށް ކޮށްފައިވާ ޢިއުލާނާއެކު ހިމަނާފައެވެ.
މި ވަޒީފާތަކަށް އެދޭ މީހުން ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)، ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެޓެސްޓް ކުރުމަށްފަހު)، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް އަދި ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް ހުށަހަޅަން ޖެހެއެވެ. ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރަން ޖެހެނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ.
މި ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 22 އޯގަސްޓް 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
އެމްއެމްއޭއިން ކުރިން ބުނެފައި ވަނީ އެތަނުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައީ ޒަމާނީ، ހެޔޮ ނަތީޖާ ނެރެދޭ މަރުކަޒީ ބޭންކަކަށް އެތަން ހެދުމަށް ކަމަށެވެ.
އެމްއެމްއޭގައި ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމު އުފައްދަން ފާސްކުރިއިރު، މަރުކަޒީ ބޭންކުގައި މިހާރު އެސިސްޓެންޓް ގަވަރުނަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވަނީ އެޑްވައިޒަރުންގެ މަގާމަށް ބަދަލުކޮށްފައެވެ.
އެމްއެމްއޭގެ ޢިއުލާންގެ ލިންކް: ޢިއުލާން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!