އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލުނައްތާލުމުގެ ޢަމަލު ހުއްޓުވޭނީ ދުނިޔޭގެ އެއްވެސް ޤައުމެއް އިސްތިސްނާކުރުމެއްނެތި ހުރިހާ ޤައުމެއްގެ މައްޗަށް ބައިނަލްއަޤްވާމީޤާނޫނު ހިންގިގެން ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި އިއްޔެ ވާހަކަދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ޚާރިޖީވަޒީރު ދެއްކެވި ވާހަކާގައި ވަނީ އިސްރާއިލް އިން މެދުކެނޑުމެއްނެތި ފަލަސްތީނުގައި ހިންގަމުންދާ 'ޖެނޮސައިޑް' ނުވަތަ ނަސްލު ނައްތާލުމުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި ހަމާސްގެ ޗީފް އޮފް ޕޮލިޓިކަލް ބިއުރޯ، އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފައިވާތީ، އެ ކަން ކުށްވެރިއެވެ.
ވަޒީރުގެ ވާހަކާގައި ވަކި ޤައުމެއް ނުވަތަ ޤައުމުތަކެއް އިސްތިސްނާ ނުވާނެހެން ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ ޤާނޫނު ތަންފީޒުކުރުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާއެއްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ހަނގުރާމަ ވަގުތުން ހުއްޓާލައި، ފަލަސްތީނު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އަސާސްތައް އެ ރައްޔިތުންނަށް ފޯރާކަން ކަށަވަރުކުރުމަކީ މި ވަގުތަށް އެންމެ މުހިންމުކަން ކަމުގައި ވިދާޅުވެފަވެއެވެ.
ޚާރިޖީ ވަޒީރު ވަނީ ދިވެހިރާއްޖެއިން އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ދެގޮތެއްނުވެ ފަލަސްތީނާއެކު ތިބޭނެކަމަށް ދިވެހި ސަރުކާރުން ދެމުން އަންނަ ޔަޤީންކަން ތަކުރާރުކުރަށްވާފައެވެ.
މި ހަމަނުޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ޙައްލަކީ 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، ފަލަސްތީން އިސްރާއީލުގެ އަތްދަށުން މިނިވަންކޮށް، އެއީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ޤައުމަކަށް ހެދުންކަމުގައި ރާއްޖޭން ވަކާލާތުކުރާ ކުރުން ވެސް ވަޒީރު ޒަމީރު އިއްޔެ ވަނީ ތަކުރާރުކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!