ތުރުކީ ސަރުކާރުން އިންސްޓަގްރާމް ބްލޮކްކުރުމަށްފަހު، އެންމެ މަޤްބޫލު ވީޕީއެން ޚިދުމަތްތަކަށްވެސް ހުރަސްއަޅައިފިއެވެ. މިއީ އެޤައުމުގައި އިންޓަނެޓް މެދުކަނޑާލުމުގެ ގޮތުން އެޅި އައު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
ތުރުކީގައި އިންސްޓަގްރާމް ބްލޮކްކޮށްފައިވާތާ 4 ދުވަސް ވެފައިވާއިރު، މި ޕްލެޓްފޯމަށް އަލުން ވަދެވޭނެ ގޮތެއް ހޯދުމަށް ވީޕީއެން ވަރަށް މުހިންމު ވަސީލަތަކަށް ވެފައިވެއެވެ.
ތުރުކީ އޮތޯރިޓީތަކުން މި މަޤްބޫލު ސޯޝަލް މީޑިއާ ސައިޓް ބްލޮކްކުރީ ހުކުރު ދުވަހުއެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލީ މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ހަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާ އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާގެ މެސެޖުތައް ހިއްސާކުރުމަށް މެޓާގެ ޕްލެޓްފޯމުން ހުރަސްއެޅުމާ ގުޅިގެން ސަރުކާރުން މިފިޔަވަޅު އަޅާފައިވާ ކަމަށް ލަފާކުރެވެއެވެ.
ވޭތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި، ތުރުކީގެ ރައްޔިތުންނާއި ފަތުރުވެރިން ވަރަށް ބޮޑަށް ވީޕީއެން ފަދަ ސޮފްޓްވެއަރތަކަށް ބަރޯސާވަމުންދާކަން ފާހަގަކުރެވެއެވެ. މިއީ އިންޓަނެޓް ކަނެކްޝަން އެންކްރިޕްޓްކޮށް، އައިޕީ އެޑްރެސް ބަދަލުކޮށްދޭ ސެކިއުރިޓީ ސޮފްޓްވެއަރއެކެވެ. މިގޮތުން ޖިއޯގްރަފިކަލީ ބްލޮކްކޮށްފައިވާ ކޮންޓެންޓަށް ވަދެވޭނެއެވެ.
ޕްރޮޓޮން ވީޕީއެންގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ޕީޓަރސަން ބުނިގޮތުގައި، އިންސްޓަގްރާމް ބްލޮކްކުރި ހުކުރު ދުވަހު އެމީހުންގެ ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު 9 ގުނަ އިތުރުވެފައިވާ ކަމަށާއި، ހަފްތާ ބަންދުގައިވެސް މި އަދަދު އިތުރުވަމުން ދިޔަކަމަށެވެ.
އިސްތަންބޫލްގައި މަރުކަޒުކޮށްފައިވާ ފްރީޑަމް އޮފް އެކްސްޕްރެޝަން އެސޯސިއޭޝަން (އައިއެފްއޯޑީ) އިން މަޢުލޫމާތު ދޭގޮތުގައި، މިވަގުތު ތުރުކީގައި އެންމެ މަޤްބޫލު 27 ވީޕީއެން އެޕް ބްލޮކްކޮށްފައިވާ ކަމަށް ބެލެވެއެވެ.
މީގެ ތެރޭގައި އެންމެ ރަނގަޅު ކަމަށް ލަފާދެވޭ ބައެއް ވީޕީއެން ޚިދުމަތްތައް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ނޯޑްވީޕީއެން، އެކްސްޕްރެސްވީޕީއެން، ސަރފްޝާކް، ޕްރޮޓޮން ވީޕީއެން، ޕްރައިވެޓް އިންޓަނެޓް އެކްސެސް (ޕީއައިއޭ)، ސައިބަރގޯސްޓް، ހައިޑް.މީ އަދި އައިޕީވެނިޝް ހިމެނެއެވެ.
ނަމަވެސް، ޕްރޮޓޮން ވީޕީއެންގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ޕީޓަރސަން ބުނާގޮތުގައި މިވަގުތު އެމީހުންގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް އެއްވެސް އަސަރެއް ކޮށްފައެއް ނުވެއެވެ. "ސަތޭކަ ހާހުން ގުނާލެވޭ ވަރަށް ޔޫޒަރުން އަދިވެސް ކަނެކްޓްވެވެއެވެ،" އޭނާ ބުންޏެވެ.
މި މަޢުލޫމާތުން އެނގޭގޮތުގައި، ތުރުކީ ސަރުކާރުން ވީޕީއެން އެޕްތައް ބްލޮކްކުރަން މަސައްކަތްކުރަމުންދާއިރުވެސް، ބައެއް ވީޕީއެން ޚިދުމަތްތައް އަދިވެސް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ. މިކަމުން ދޭހަވަނީ ވީޕީއެން ބްލޮކްކުރުމުގެ މަސައްކަތް ފުރިހަމައަށް ކާމިޔާބުވެފައި ނުވާކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!