ހއ. އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީ ކުރުމުގެ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. އަދި އުލިގަމު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލްގެ ރައީސް އަހުމަދު މުއާޒް މުހައްމަދެވެ.

Ad
rt

މި އެއްބަސްވުމަކީ އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީ ކުރުމާއި ޔޮޓުތަކަށް ބޭނުންވާ ހިދުމަތްތައް އުލިގަމުން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ އެއްބަސްވުމެކެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ އުލިގަމުގައި ޔޮޓް މެރީނާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ފަށަން ނިންމާފައިވާ އިންޓަނޭޝަނަލް ބަންކަރިން ސާވިސް އާއި މެރިޓައިމް ހިދުމަތްތަކަށް ބޭނުންވާ އޮފީސްތައް ހެދުމުގެ މަސައްކަތް އެމްޕީއެލުން ހަލުއި ދުވެއްޔެއްގައި ކުރަމުންދާ ކަމަށެވެ. އަދި އެކަމުންވެސް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އުލިގަމަކީ ޒަމާނުއްސުރެ އާދަޔާ ހިލާފަށް ގިނަ ޔޮޓް ފަހަރު ޒިޔާރަތްކުރާ ރަށެއް. ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ބޮޑު ކަންބޮޑުވުމެއް މި އުޅަނދު ފަހަރަށް ބޭނުންވާ ހިދުމަތްތައް މި ރަށުން ފޯރުކޮށް ނުދެވޭތީ." ވަޖީހު ވިދާޅުވިއެވެ.

އެމްޕީއެލުން ބުނި ގޮތުގައި އެ ކުންފުނިން އަންނަނީ ޔޮޓް މެރީނާގެ ކޮންސެޕްޓެއް ހަދައި، އިންވެސްޓަރުންނާ މަޝްވަރާ ކުރަމުންނެވެ.