ގެދޮރުވެރިކަމުގެ ސްކީމުގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ 4،000 ފްލެޓަށް ޝަރުޠު ހަމަވަނީ އެންމެ 40 އިންސައްތަ ފަރާތްތަކެއް ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަނޑައަޅާފައިވާކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުން، ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ، ކުރީގެ ސަރުކާރުން އެކުލަވާލި 4،000 ފަރާތުގެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވަނީ އެންމެ 20 އިންސައްތަ، ނުވަތަ 825 ފަރާތެއް ކަމަށެވެ. އެއީ ސަރުތު ހަމަނުވާ 3,175 މީހުން ނެވެ.
ގެދޮރުވެރިކަމުގެ ސްކީމުގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ 4،000 ފްލެޓަށް 20،000 އަށްވުރެ ގިނަ ފަރާތަކުން އެދި ހުށަހަޅާފައިވެއެވެ. ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ހުރިހާ ފޯމެއް އަލުން ވަކިވަކިން ދިރާސާކުރުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ ސަރުކާރުގައި ގެދޮރުވެރިކަމުގެ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ޙަވާލުކޮށްގެން ހުޅުމާލޭގައި 4،000 އެޕާޓްމަންޓް ޢިމާރާތްކުރަމުންދެއެވެ. މީގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި، ތިން ކޮޓަރީގެ 900 އަކަފޫޓުގެ 2،800 އެޕާޓްމަންޓެވެ.
ސޯލިހުގެ ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި އޮއްވައި 4000 މީހުންގެ ލިސްޓު ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ. ކުރީ ސަރުކާރުން ނެރުނު ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅިގެން އޭސީސީން ތަޙުޤީޤުކޮށް، ފްލެޓް ދޫކުރުން ހުއްޓުވި އެވެ.
އައު ސަރުކާރުން ފްލެޓް ކޮމިޓީއެއް އުފައްދައި، ލިސްޓު މުރާޖަޢާކުރަން ފަށާފައިވާއިރު ހައުސިން މިނިސްޓަރު ވިދާޅުވީ އޮކްޓޯބަރުގައި ފައިނަލް ލިސްޓު އާންމުކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!