މި ދިޔަ ޖޫންމަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމުދަނީގެ ގޮތުގައި ހޯދިއްޖެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް ޚަރަދުކޮށްފައިވާނީ ފައިސާ ޗާޕުނުކޮށް، ހަމައެކަނި ދައުލަތަށް ލިބުނު އާމުދަނީއިން ކަމަށެވެ.

Ad
rt

މިގޮތުން މި ދިޔަ ޖޫންމަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމުދަނީގެ ގޮތުގައި ހޯދިފައިވާކަން ފާހަގަކުރަށްވާ ރައީސް ވިދާޅުވީ، މި ފައިސާއިން ދައުލަތް ހިންގުމަށް ޚަރަދުކޮށް އަދި އެހެން ފަރާތްތަކަށް ދަރާފައިވާ ދަރަނިތައް ދެއްކުމަށްވެސް ހޭދަކޮށްފައިވާނެކަމަށެވެ.

މިހާތަނަށް ދައްކަން ޖެހުނު އެއްވެސް ދަރަންޏެއް ނުދެއްކި ޑިފޯލްޓްވެފައި ނުވާނޭ ކަމަށް ވިދާޅުވެ، ސަރުކާރަށް އާމުދަނީ އިތުރުކުރުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ މައްޗަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ. މިގޮތުން ސަރުކާރުގެ ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ހާމަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ހިންގުން ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށާއި، އަދި މިފްކޯ ހަރުދަނާ ކުރައްވާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ އެންމެ ރަނގަޅު ފެންވަރަށް ކަމަށެވެ.

މީގެ އިތުރުން، ޤާނޫނުތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ލޭންޑް ރެންޓު ނުވަތަ ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 513 މިލިއަން އެމެރިކާ ޑޮލަރު، ޓީ.ޖީ.އެސް.ޓިގެ ގޮތުގައި 102 މިލިއަން އެމެރިކާ ޑޮލަރު، ޖީ.އެސް.ޓީ ގޮތުގައި 3.3 ބިލިއަން ރުފިޔާ، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1 ބިލިއަން ރުފިޔާ އެބައޮތްކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި ރުފިޔާ ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ، މި ފައިސާ އެކަނި ހޯދިޔަސް ޤައުމުގެ ދަރަނީގެ މައްސަލުވާނެއެވެ.