ބްރިޖް އިން ޓޯލް ނެގުމަކީ ރައީސް މުޙައްމަދު މުޢިއްޒު ގެ ސިޔާސަތެއްނޫންކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ މަޤްޞަދުގައި ސަރުކާރުން ރޭ އިފްތިތާހްކުރި "މާލެ ފަހި ޕްރޮގްރާމް"ގެ ޕްލޭންގެ ތެރޭގައި ސިނަމާލޭ ބުރިޖުން ޓޯލް ފީއެއް ނެގުމަށް ހިމަނާފައި އޮތުމުން ބައެއް މީޑިއާތަކުން ވަނީ އެކަން ރިޕޯޓުކޮށްފައެވެ. އެކަމާއި ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، އަނެއް ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރޭގައި އިޢުލާން ކުރެވުނު "މާލެ ފަހި" ޕޮރޮގްރާމުގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާއެއް އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައިކަމަށެވެ.
''އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގ ގެ މައްސަލަ ޙައްލު ވުމުގެ ކުރިން، އަދި ޤައުމާއި ރައްޔިތުންގެ ޢިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަޤީންކަން އަރުވަން.'' ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައެވެ.
ބްރިޖް އިން ޓޯލް ނެގުމަކީ އަޅުގަނޑު ގެ ސިޔާސަތެއްނޫން. ރޭގައި އިޢުލާން ކުރެވުނު "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އަޅުގަނޑަށް އެރުވުމުގެ ނިޔަތުގައި. އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް،…
— Dr Mohamed Muizzu (@MMuizzu) July 25, 2024
ސަރުކާރުން ރޭ ފެށި ''މާލެ ފަހި ޕްރޮގްރާމް'' އަކީ ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާމީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމަކީ ވެސް މި ޕްރޮގްރާމް ފަރުމާކުރުމުގެ މަޤްޞަދެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!