މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށް ލަފާއަރުވަން މިއަދު މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން ވަނީ އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައި ނުވާކަމަށް ބުނެ، ގަވަރުނަރުގެ މަޤާމުން ޢަލީ ޙާޝިމް ވަކިކުރެއްވުމަށް ރައީސަށް ލަފާދެއްވުމަށް ފާސްކޮށްފައެވެ.

Ad
rt

އެއަށްފަހު ގަވަރުނަރު ވަކިކުރުމާގުޅޭ ލަފާއެރުވުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އެކުލަވާލި ރިޕޯޓުގެ މަސައްކަތް މިއަދު ވަނީ މަޖިލީހުގައި ކޮށްފައެވެ. އެއަށްފަހު މިއަދުގެ ވޯޓު ގަޑީގައި ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސަށް ލަފާއަރުވަން ފެނޭތޯ ވަނީ ވަނީ ވޯޓަށް އަހާފައެވެ.

މި ވޯޓުގައި މިގޮތައް ފާސްވީ 63 މެންބަރުންގެ ވޯޓުންނެވެ.

އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. ނާޒިމް ވަނީ ގައުމުގެ އިގްތިސޯދު ހީނަރުވެ، އަލުން އަނބުރާ އިޔާދަ ކުރަން އުނދަގޫ ހިސާބަކަށް ގައުމުގެ އިގްތިސޯދު ނިކަމެތިވެގެން ދިޔައިރު، އެމްއެމްއޭގެ ގާނޫނުގައި ބަޔާން ކުރާ މަގްސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެމްއެމްއޭގެ މައިގަނޑު އެއް އަސާސްކަމުގައިވާ މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުންދާކަން ފެންނަމުން ނުދާ ކަމަަށް ނާޒިމް ވިދާޅުވެފައި ވެއެވެ.

އެމްއެމްއޭގެ ގާނޫނުގައި ބުނާ ގޮތުން އެ އޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު އައްޔަންކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.