ބިދޭސީން ވަޒީފާއަށް ދިވެހިރާއްޖެ ގެނެސް އިހުމާލުވާ މީހުންގެ ލިސްޓެއް އެކުލަވާލައި އާންމުކުރަން ސަރުކާރުން ނިންމައިފިއެވެ.
މިގޮތައް ނިންމާފައި ވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ ލިސްޓް އެކުލަވައިލައި އާންމުކުރުމަށް ނިންމެވުމުގެ އިތުރުން މިގޮތަށް ވަޒީފާދޭ ފަރާތުން އިހުމާލުވާނަމަ ޖޫރިމަނާކުރުމާއި، އެފަފަ ޢަމަލުތައް ތަކުރާރުވާނަމަ އިތުރު ފިޔަވަޅުތައް އެޅުން މަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުޞަތުތަކަށް އެޅެމުންދާ ހުރަސްތައް ނައްތާލުމަށްޓަކައި ޤަވާޢިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް އޯޑިޓްކޮށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ނިންމަވާފައެވެ.
މި ފިޔަވަޅުތަކާއެކު ދިވެހިރާއްޖޭގައި ޤާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ވަޒީފާއާބެހޭ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެސް ވަޒީރުންގެ މަޖިލީހުންވަނީ ނިންމަވާފައެވެ.
އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މުހިންމު އިތުރު ކަންތައްތަކެއް ކުރުމަށް ވެސް ނިންމެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!