މި އަހަރުގެ މިއަދާއި ހަމައަށް 43 ޖެނަރޭޓަރެއް އަލަށް އެކި ރަށްރަށުގައި ގާއިމްކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އެކުންފުނިން ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯ އިންޓަވިއެއްގައި ކުންފުނީގެ ޑިރެކްޓަރު އަހުމަދު އިބްރާހިމް ވިދާޅުވީ، މި އަހަރު ފެށުނުއިރު ފެނަކައިން ހިދުމަތްދޭ ގިނަ ރަށް ރަށުގައި ހުރި ޖަނަރޭޓަރުތަކުގެ ހާލަތު ހުރީ ރަނގަޅުކުރަން ޖެހިފައި ކަމަށެވެ. އަދި ރަށްރަށުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިފައި ކަމަށެވެ.
އެގޮތުން، ވަރަށް ގިނަ ޖެނެރޭޓަންތަކެއް ހުރީ އޯވަހޯލް ކުރަންޖެހިފައި ހުރި ކަމަށާއި އައު މެނޭޖްމެންޓް ފެށުމާއިއެކު މިހާރުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
“ޖަނެރޭޓަރު ބޭނުންވާ ތަންތަނަށް ޖަނެރޭޓަރު ހޯދުމުގެ މަސައްކައި ވަރަށް އަވަހަށް ފެށިގެން ދިޔަ. އެގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރުގައި 20 ރަށަކަށް އައު ޖަނެރޭޓަރު ވަނީ ފޮނުވިފައި. ޖަނެރޭޓަރު ފޮނުވުނު ރަށް ރަށުގައި ކަރަންޓު އުފެއްދުމަށް ހުރި އުނދަގޫތަށް ވަނީ ފިލުވާލެވިފައި." އިބްރާހިމް ވިދާޅުވިއެވެ.
އިބްރާހިމް ވިދާޅުވީ ވަރަށް ގިނަ ރަށް ރަށުގެ އޯވަހޯލް ކުރުމާ އެހެން އިންޖިނިއަރިންގ މަސައްކަތްތަކެއް ވެސް ކުރެވުނު ކަމަށެވެ. އެގޮތުން، މިއަދާ ހަމައަށް ކުންފުނިން އިތުރަށް 43 ޖަނެރޭޓަރު އަލަށް ގަނެ އެކި ރަށް ރަށުގައި އިންސްޓޯލް ކުރެވިފައިވާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
މިއަހަރު މިހާތަނަށް ދިޔައިރުގައި ކުންފުނީގެ ޖަނެރޭޓަރުތަކުގެ ހާލަތު ރަނގަޅު ކުރެވިއްޖެ ކަމަށާއި ޖަނެރޭޝަން ކެޕޭސިޓީ އިތުރު ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ވަރަށް ގިނަ ރަށް ރަށެއްގެ ހާލަތު އަހަރު ފެށުނުއިރު ހުރި ވަރަށް ވުރެއް ރަނގަޅު ކުރެވިފައިވާއިރު، މިހާރު ވެސް ޖަނެރޭޓަރުތައް އިތުރަށް އޯވަހޯލް ކުރުމަށް ބޭނުންވާ ސްޕެއާ ހޯދުމުގެ މަސައްކަތްތައް އެބަކުރެވޭ." އިބްރާހިމް ވިދާޅުވިއެވެ.
އިބްރާހިމް ވިދާޅުވީ، މި އަހަރު އަލަށް ގަތުމަށް ކަނޑައަޅާފައި ހުރި ޖަނެރޭޓަރުތައް ގެނައުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ. އެހެންކަމުން، ދާއިމީ ގޮތެއްގައި އެކަންތައްތައް ރަނގަޅުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެވޭތޯ ކުންފުނިން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!