ށ.އަތޮޅުގައި ފަށާފައިވާ އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ މެޕިންގް މަރުހަލާ ފަށައިފިއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއާއި ށ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް، އެ އަތޮޅު ވެރިކަންކުރާ ފުނަދޫގައި ފަށާފައި ވަނީ 16 ޖުލައި 2024 އެވެ.

Ad
rt

އެއަށްފަހު މި ޕްރޮގްރާމެގެ މެޕިންގް މަރުހަލާ މިހާރު ފަށާފައިވާއިރު، ހަ ރަށެއްގައި މިހާރު ވަނީ މި ބައި ކުރިއަށް ގެންގޮސްފައެވެ. އެ ރަށްތަކަކީ ކަނޑިތީމު، ޅައިމަގު، ނޫމަރާ، މަރޮށި، ކޮމަންޑޫ އަދި ބިލެއްފައްސެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނީ މި މަރުހަލާ އެ އަތޮޅުގެ ބާކީ ހުރި ރަށްތަކުގައި ވެސް ކުރިއަށް ގެންދާނެކަމަށެވެ.

''މި ޕްރޮގްރާމުގެ ސަބަބުން އަތޮޅުގެ ކޮންމެ ރަށެއްގައިވެސް ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް އެހީތެރިވެދިނުމަށް ޚާއްޞަ ޕްލޭނެއް އެކުލަވާލެވި، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މަގުފަހިވެގެންދާނެ'' އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނެފަވެއެވެ.

އިބަމަ (އިޖްތިމާޢީ ބަދަހި މަދަދުވެރީން) އަކީ ދިވެހިރާއްޖޭގެ މުޖްތަމަޢުތަކުގައި ކޮމިއުނިޓީ ސޯޝަލް ގްރޫޕްސް' ގެ ގޮތުގައި ވިޔަނުދިނުމާއި، އަދި ރައްކާތެރިކަމުގެ ނަޒަރުން ވިސްނައިގެން ފަޚުރުވެރި އާއިލާތަކާއި ދުޅަހެޔޮ މުޖްތަމައެއް ބިނާ ކުރުމަށްޓަކައި އެންމެހާ ހިއްސާދާރުން ގުޅިގެން، ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރުމުގެ ތެރެއިން މުޖްތަމަޢުގެ އިޖްތިމާޢީ ހާލަތު ދެނެގަނެ، މުޖުތަމަޢުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭންޖެހޭ އަސާސީ އިޖްތިމާޢީ ޚިދުމަތްތައް ކަމާބެހޭ ދާއިރާތަކާއިއެކު ވިލަރެސްކޮށް ފޯރުކޮށްދިނުމާއި، އެފަދަ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލިބޭ އަނިޔާ ހުއްޓުވާ، ރައްކާތެރި މުޖުތަމައެއް ކަށަވަރު ކޮށްދިނުމާއި އަދި އާންމު ފަރުދުންނާއި އާއިލާތަކާއި މުއައްސަސާތަކުގެ ދެމެދުގައި ދުޅަހެޔޮ ގުޅުންތައް އުފެއްދުމަށް އެހީތެރިވެދީ ބާރުއަޅާ މަސައްކަތްތައް ކުރުމަށް ތަމްރީން ކުރެވޭ ފަރާތްތަކެކެވެ.

އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ. މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެފަރާތްތަކުގެ ޙާލަތު ވަޒަންކުރާނެ ގޮތާއި، ޙާލަތު ރަނގަޅު ކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ވެސް ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ.

ހަފްތާއެއްގެ މުއްދަތަށް ށ. އަތޮޅުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމް ނިންމާލުމަށް ތާވަލު ކޮށްފައި މިއަދަށެވެ.