ކައުންސިލްތަކު މެންބަރުންގެ އަދަދަށް ގެންނަވަން ފެނިވަޑައިގަންނަވާ ބަދަލާއިގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބައެއް ވިސްނުންފުޅުތައް ރޭ ހާމަކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރަށްވާފައި ވަނީ "ނާރެސް ޕޯޓަލް" އަދި "އޮޕަރޭޝަން ކުރަނގި" ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.
ކައުންސިލުތަކުން ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ޚަރަދުކުޑަކޮށް އެންމެ ރަނގަޅަށް ޚިދުމަތްދިނުމަށްޓަކައި ރަށްރަށުގެ ކައުންސިލަރުންގެ ޢަދަދަށް ބަދަލުގެންނަންޖެހޭކަމަށް ރައީސް މީގެ ކުރިން ވަނީ ވެރިިކަން ކުރާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޖަގަހަ ޖަލްސާއެއްގައި ވިދާޅުވެފައެވެ.
އެއަށްފަހު ރޭ އެމަނިކުފާނު ވަނީ އެކަމާއި ގުޅިގެން އެމަނިކުފާނު ގެންގުޅުއްވާ ބައެއް ވިސްނުންފުޅުތައް ހިއްސާކުރައްވާފައެވެ. މިގޮތުން 3000 އަށް ވުރެ މީހުން ގިނަ ނޫން އާބާދީތަކުގައި ތިން ކައުންސިލަރުން ތިބުމުން ފުދޭނެ ކަމަށް ރައީސް ވަނީ ރޭ ވިދާޅުވެފައެވެ. އެއީ ރައީސާއި އިތުރު ދެ ކައުންސިލަރުންނެވެ. އެތަނުން އެއް ކައުންސިލަރަކީ އަންހެން ކައުންސިލަރަކަށް ހެދުމާއި، އަނެއް ކައުންސިލަރަކީ ޒުވާނުންގެ ތެރެއިން އިންތިޚާބު ކުރާ ކައުންސިލަރަކަށް ވުމަކީ ރައީސްގެ ވިސްނުންފުޅެވެ. ނައިބު ރައީސް ކަނޑައަޅާނީ މި ދެ ކައުންސިލަރުން ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.
3،000 އާއި 10،000 ދެމެދުގެ އާބާދީއެއް އޮންނަ ރަށްރަށުގައި ފަސް ކައުންސިލަރުން ތިބުމުން ފުދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މާލޭގައި ވެސް ކޮންމެ 3،000 މީހަކަށް ކައުންސިލަރެއް ހުރުން ރަނގަޅުކަމަށް ފާހަގަކުރެއްވިއެވެ.
މިބަދަލުތަކާއެކު ރައީސްގެ ވިސްނުންފުޅަކީ ބާކީވާ ފައިސާ ކައުންސިލުގެ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ރަނގަޅުކުރުމަށް ބޭނުންކުރުމެވެ.
ރައީސް މުޢިއްޒު ރޭ ވިދާޅުވިގޮތުގައި އެ ކަންކަމާމެދު ފަންނީ ދިރާސާތައް މިހާރު ވެސް އަންނަނީ ކުރެވެމުންނެވެ. އަދި މި ކަންކަން ނިންމާނީ އެ ދިރާސާތަކުގެ ނަތީޖާއަށްފަހު ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!