އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ރާވާ ކަމަށް ބުނެ އެމެރިކާގެ މީޑިއާތަކުން ފަތުރަމުންދާ ޚަބަރު އީރާނުން ހަރުކަށި އިބާރާތުން ދޮގުކޮށްފިއެވެ.
އެމެރިކާގެ މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކުގައި ބުނެފައިވަނީ، އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ރާވާފައިވާ ކަމުގެ ޖާސޫސީ މަޢުލޫމާތު މީހެއްގެ ފަރާތުން އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް ލިބިފައިވާ ކަމަށެވެ.
މި ތުހުމަތަށް ރައްދު ދެމުން އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނާސިރު ކަންއާނީ ބުދަ ދުވަހު ވިދާޅުވެފައިވަނީ، އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި، އެފަދަ ރޭވުމެއް ނުވަތަ ވިސްނުމެއް އީރާނުން ނުގެންގުޅޭ ކަމަށެވެ. ނަމަވެސް، ޓްރަމްޕަކީ ކުށްވެރިއެއް ކަމަށް އީރާނުން ދެކޭ ކަމަށާއި، 2020 ވަނަ އަހަރު އީރާނުގެ އަސްކަރީ ކޮމާންޑަރު އަވަހާރަކޮށްލުމަށް އަމުރުކުރެއްވީ ޓްރަމްޕް ކަމަށް ވުމާއެކު، ގާނޫނީ އިމުގެ ތެރެއިން އެ މަރަށް އިންސާފު ހޯދުމަށް އީރާނުން މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޚަބަރު ފެތުރުނީ، އެމެރިކާގެ ޕެންސިލްވޭނިއާގެ ބަޓްލަރގައި ކެމްޕޭން ރެލީއެއްގައި ވާހަކަފުޅު ދައްކަވަން ހުންނެވި ޓްރަމްޕަށް އެމެރިކާގެ ރައްޔިތަކު ބަޑިން ދިން ހަމަލާއެއްގައި ޓްރަމްޕްގެ ކަންފަތް ޒަޚަމްވި ހާދިސާ ހިނގުމާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!