ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން ހައްޔަރުކުރެވުނު ކުށްވެރިން ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރިކަން މޮސްކޯ އިން ވެސް އަދި ކިއެވް އިން ވެސް ވަނީ ބުދަ ދުވަހު މީޑިއާ އަށް ކަށަވަރު ކޮށްދީފައެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީގައި ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 50 ފަހަރުގެ މަތިން އެތައް ހާސް ހަނގުރާމައިގެ ކުށްވެރިން ދެ ގައުމުގެ ދެމެދުގައި ވަނީ ބަދަލު ކޮށްފައެވެ. މި ފަހަރުގެ ބަދަލުކުރުމުގައި ކޮންމެ ގައުމަކުން އަނެއް ގައުމަށް ނިސްބަތްވާ 95 އަސީރުން ވަނީ މިނިވަން ކޮށްފައެވެ.

Ad
rt

ޔޫކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވިދާޅުވެފައިވަނީ ދެ ގައުމުގެ ދެމެދުގައި ކުށްވެރިން ބަދަލު ކުރުމުގެ މަގު ތަނަވަސްވީ ޔުނައިޓެޑް އެރަބް އެމިރޭޓްސް އިން މެދުވެރިއެއްގެ ރޯލު އަދާކޮށް ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާ ތަކުން ކަމުގައެވެ.

ޖޫން މަހު ރަޝިޔާގެ ރައީސް ވުލެޑިމިއަރ ޕުޓިން ވިދާޅުވެފައިވަނީ، ޔޫކްރެއިންގެ 6،465 އަސީރުން ރަޝިޔާ އިން ހައްޔަރުކޮށްފައިވާ ކަމަށާއި އަދި ޔޫކްރެއިން ރަޝިޔާގެ 1،348 ސިފައިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހަނގުރާމަ އާ ގުޅިގެން ދެ ގައުމުގެ އޮފިޝަލުން ބައްދަލުވެ މަޝްވަރާ ކުރެވޭ މަދު ހާލަތުގެ ތެރޭގައި ކުށްވެރިން ބަދަލު ކުރުމުގެ މަޝްވަރާތައް ހިމެނެއެވެ. މި މަޝްވަރާތަކުގައި ކޮންމެ ގައުމަކުންވެސް ބައިވެރިވަނީ އެ ގައުމެއްގެ ހިއުމަން ރައިޓްސް ކޮމިޝަނެވެ.