ހދ. ކުރިނބީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން އައު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 51 އިންސައްތަ މިހާތަނަށް ވަނީ ފުރިހަމަކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން، 7,071 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުމާއި، 32,381 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އައު ބަނދަރު ފުންކުރުމާއި، 2,040 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 295 މީޓަރުގެ ބޭރުތޮށި ލުމާއި، 340 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން، 70 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، އެކްސަސް ޕްލެޓްފޯމެއް ޤާއިމުކުރުމާއި، 1,556.61 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 42.45 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.