ބޭރު ޤައުމުތަކުގެ ލީޑަރުން އޭނާގެ ޤާބިލުކަމާމެދު ކަންބޮޑުވުމެއް ފާޅުކޮށްފައި ނުވާކަމަށް އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރައްވާ އެމެރިކާގެ ރައީސް ޖޯބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑަން ވިދާޅުވީ މި ހަފްތާގައި ބޭއްވުނު ނޭޓޯ ސަމިޓުގައި ބައްދަލުކުރެއްވި ބޭރު ޤައުމުތަކުގެ ލީޑަރުން އޭނާގެ ޤާބިލުކަމާމެދު އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައި ނުވާ ކަމަށެވެ.

Ad
rt

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިޑަން ވިދާޅުވީ، އޭނާއާ ބައްދަލުކުރެއްވި ލީޑަރުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ނޮވެމްބަރު މަހު ބޭއްވޭ އިންތިޚާބުގައި އޭނާ ބަލިވެއްޖެނަމަ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ރައީސްކަމަށް އަންނާނެކަމުގެ ބިރުން ކަމަށެވެ.

"އަހަރެންނަށް ހީވަނީ މާ ބޮޑަށް އަމިއްލައަށް ތަޢުރީފުކުރުމެއް ނެތި މިހެން ބުނެވިދާނެހެން - އަހަރެންނާ ބައްދަލުކުރި އެއްވެސް ޔޫރަޕުގެ ލީޑަރަކު އަހަރެންނާ ދިމާއަށް 'ޖޯ ކުރިމަތި ނުލާށޭ' އެހެން ބުނެފައެއް ނެތް،" ބައިޑަން ވިދާޅުވިއެވެ. "އަހަރެންނަށް އިވެނީ އެ މީހުން ބުނާ އަޑު 'ކޮންމެހެން ކާމިޔާބު ކުރަންޖެހޭނޭ - މި މީހާ (ޓްރަމްޕް) އަންނަ ގޮތެއް ވެގެން ނުވާނޭ، އޭނާ އަންނަ ގޮތެއް ވެއްޖެއްޔާ ހަލާކުވެދާނޭ، ހަލާކުވެދާނޭ.'"

ބައިޑަން އިޝާރާތްކުރެއްވީ ފަހަކަށް އައިސް ޓްރަމްޕް ބޭއްވި ރެލީއެއްގައި ރައީސްކަމަށް އައުމުގެ ކުރިން ނޭޓޯއާ ބެހޭ ގޮތުން އޭނާއަށް މާ ބޮޑު އެއްޗެއް ނޭނގޭކަމަށް އިޢުތިރާފުވެ ވަޑައިގެން، "ބޭރުގެ ސިޔާސަތަކީ އޭނާގެ ވަރުގަދަ ދާއިރާއެއް ނޫން" ކަމަށް ވިދާޅުވި ވިދާޅުވުމަށެވެ.

އަދި ބައިޑަން ކަންބޮޑުވުން ފާޅުކުރެއްވީ ޓްރަމްޕްގެ "އޮޓޯރިޓޭރިއަން ވެރިންނާ އޮންނަ ގާތްކަން" ކަމަށް އޭނާ ސިފަކުރެއްވި ކަމަކާ މެދުގައެވެ.