ކަޅު ބާޒާރުގައި ޑޮލަރުގެ ގަނެވިއްކަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށް، އެކަން ކުރި އިތުރު ބިދޭސީންތަކެއް ޑީޕޯޓްކޮށްލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މާލޭގެ ޑޮލަރު އޭޓީއެމް ކައިރީގައި ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ރޭ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގެ ތެރެއިން އޭޓީއެމް ކައިރީ ކަޅުބާޒާރުގައި ޔޫއެސްޑޮލަރު ގަނެވިއްކަން އުޅުނު ދެ ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

Ad
rt

އިމިގްރޭޝަނުން މި އޮޕަރޭޝަން ހިންގާފައި ވަނީ ފުލުހުންނާއި ގުޅިގެންނެވެ. މީގެ އިތުރުން ވެސް އިމިގްރޭޝަނުން ދަނީ ފުލުހުންނާއި ގުޅިގެން ގަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އޮޕަރޭޝަނެއް މިހާރު ހިންގަމުންނެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ، ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމުގައި ހަރަކާތްތެރިވާތީ އެ މީހުން ދެނެގަތުމަށްް މިދިޔަ މާޗް މަހު ހާއްސަ އޮޕަރޭޝަނެއް ހިންގާފަ އެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން އަތުލި ހަ ބިދޭސީއަކު މިހާރު ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރުގައި ބިދޭސީންގެ ދައުރު ބޮޑެވެ. އެމީހުން ޑޮލަރު އޭޓީއެމް ކައިރިންނާއި، އެމީހުން ހިންގާ ފިހާރަތަކުން ވެސް ކަޅުބާޒާރުގައި ޑޮލަރު ގަނެވިއްކައެވެ.

މާލޭގައި ބީއެމްއެލް ޑޮލަރު އޭޓީއެމް މިހާރު ހުންނަނީ، މާފަންނު ސޯސަލް ސެންޓަރު ކައިރީ މަޖީދީމަގުގައި ހުންނަ ސްޓާކާލައުންޑްސް އިމާރާތުގެ ތިރީގައެވެ.