ރ. މަޑުއްވަރީގައި ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި އެރަށުން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ހަރުކަށިފިކުރާ ދެކޮޅަށް ފުލުހުން ހިންގާ އެ އޮޕަރޭސަންސްގައި ރ. މަޑުއްވަރީއިން އިއްޔެ ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއްގެ އިތުރުން 28 އަހަރުގެ ފިރިހެނެކެވެ.

Ad
rt

ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން މަޑުއްވަރީގައި ހިންގާ އޮޕަރޭޝަނުގައި މީގެ ކުރިންވެސް ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެ ތިންމީހުންގެ ބަންދަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު 10 ދުވަސް ޖަހާފައިވެއެވެ.

މަޑުއްވަރީގައި ހިންގާ އޮޕަރޭޝަނަކީ ހުސްވި 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. ހަރުކަށި ފިކުރު ފަތުރައި ވަކި ޖަމާޢަތް ހަދައިގެން އުޅޭ މީހުން ހޯދައި ދެނެގަތުމަށް ސަލާމަތީ ބާރުތަކުން ރ. މަޑުއްވަރީގައި ފެށި އޮޕަރޭޝަނުގައި އެދުވަހުވެސް 30 އަހަރުގެ ދިވެހި ފިރިހެނަކު އެރަށުން ހައްޔަރުކުރިއެވެ.

ހަރުކަށި ފިކުރާ ކުރިމަތިލައި ހައްލު ހޯދުމަށް ރައީސް ވައުދުވެވަޑައިގެންފައި ވާއިރު، ހަރުކަށި ފިކުރު ފަތުރާ ތިން އިލްމުވެރިއެއްގެ ދަރުސް ދިނުމުގެ ލައިސަންސް އިސްލާމިކް މިނިސްޓްރީ އިން ވަނީ ހިފަހައްޓައިފަ އެވެ.

ކައުންސިލަރުންނަށް އަމާޒުކޮށް ރައީސް އޮފީހުން މިދިޔަ އަހރު ފަހުކޮޅު ބޭއްވި ”ވިއަވަތި ރާއްޖެ“ މަހާސިންތާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައި ވަނީ، މީހުން މަރަން ފަސް ނުޖެހޭ ހަރުކަށި ފިކުރުގެ 1،400 މީހަކު ރާއްޖޭގައި އެބަ ތިބި ކަމަށެވެ.