ހަތް ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް، އއ.އުކުޅަހުގައި ބޭއްވުމަށް ނިންމައިފިއެވެ.
މި ކޮންފަރެންސް ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 28 އިން 30 އަށެވެ.
2012 ވަނަ އަހަރުން ފެށިގެން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ބައިނަލްއަޤްވާމީ ފެންވަރުގައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި ކޮންފަރެންސް އަކީ މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ޤާއިމު ކުރުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ ކޮންފަރެންސްއެކެވެ.
މި ކޮންފަރެންސްގައި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދިމާވާ ގޮންޖެހުންތަކާއި އެގޮންޖެހުންތައް ޙައްލު ކުރައްވާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، ކިޔަވައިދިނުން އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރެވިދާނެ ތަފާތު ކަންކަމާމެދު ޚިޔާލު ބަދަލު ކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ތައުލީމާބެހޭ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން ބޭރު ޤައުމުތަކުގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ރާއްޖެ ހުޅުވައިދިނުމާއިއެކު، ރާއްޖޭގައި "އެކަޑެމިކް ޓުއަރިޒަމް" ފުޅާކުރުމުގައި މިފަދަ ކޮންފަރެންސްތައް މުހިންމު ދައުރެއް އަދާކުރެއެވެ.
މި އަހަރުގެ ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެބްސްޓްރެކްޓް ހުށައެޅުމުގެ ފުރުޞަތު 31 ޖުލައި 2024 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައިވާއިރު، މިއަހަރުގެ ކޮންފަރެންސްއަށް ޚާއްޞަ ކުރެވިފައިވާ ތީމް އަކީ "Educate، Empower, Elevate: Equitable Education for 21st Century Excellence" އެވެ.
ހަ ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް ބާއްވާފައި ވަނީ 2022 ވަނަ އަހަރު ކުޅުދުއްފުށި ސިޓީގައެވެ. އެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށް ވުރެ ގިނަ ޓީޗަރުންނާއި، ޢިލްމީ ބޭފުޅުން ބައިވެރިވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!