ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓްކުރުމަށް ސަރުކާރުން ޤާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ޤާނޫނުއަސާސީގައި މިހާރު ބުނާގޮތުން ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެމެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ ފަސްހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް އިންތިޚާބު ކުރަންޖެހެއެވެ.

Ad
rt

ޤާނޫނުއަސާސީގެ މި މާއްދާ އޮތްގޮތުން އާބާދީ އިތުރުވާ ނިސްބަތުން ކޮންމެ ފަސް އަހަރަކުން އަންނަނީ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންނެވެ. މިގޮތުން 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިބިއިރު 20 ވަނަ މަޖިލީހުގެ މެންބަރުންގެ އަދަދު ވަނީ 93 އަށް އަރާފައެވެ.

މިގޮތަށް މެންބަރުންގެ އަދަދު އިތުރުވަމުން ދިޔުމަކީ ޤައުމުގެ އިޤްތިޞާދީ މާލީ ފުދުންތެރިކަމާއި، ހިންގުމުގެ އިންތިޒާމަށް ބަލާއިރު ވެސް އެންމެ އެކަށޭނަގޮތްކަމަށް ނުވާތީ މީގެ ކުރީން ވެސް ބައެއް މެންބަރުން އެކިފަހަރުމަތިން މިފަދަ އިސްލާޙުތައް މަޖިލީހަށް ވެއްދިއެވެ. ނަމަވެސް އެ އިސްލާޙްތައް ކުރިއަށް ނުގޮސް ކުރިމަތިލާންޖެހެނީ އައު ދައުރަކާއެވެ.

ނަމަވެސް މިއީ ސަރުކާރަކުން މިކަމަށް އިސްނެގި ފުރަތަމަ ފަހަރެވެ. މިގޮތުން ސަރުކާރުގެ ފަސް އަހަރުގެ ލެޖިސްލޭޓިވް އެޖެންޑާ އާންމު ކުރުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމާއި މަޖިލީހުގެ މެމްބަރުންގެ އަދަދު ލިމިޓް ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށްވާތީ އެކަމަށް އިސްކަން ދީގެން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާނެ ކަމަށް އޭޖީ އުޝާމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިތުރު އިސްލާހުތަކެއް ގާނޫނު އަސާސީއަށް ގެންނަންޖެހޭތޯ ބަލަމުންދާ ކަމަށް ވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި 15 މައުޟޫޢުއަކާ ގުޅޭ ޖުމްލަ 213 ބިލެއް އެކުލެވިގެންވެއެވެ. އޭގެތެރޭގައި މުޅިން އަލަށް އެކުލަވާލަންޖެހޭ 78 ޤާނޫނަކާގުޅޭ ބިލާއި، މިހާރު ޢަމަލުކުރެވޭ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ޤާނޫނުތަކަށް އިޞްލާޙު ގެނައުމަށްޓަކައި ހުށަހަޅާ 135 ބިލެއް ހިމެނެއެވެ.