ލޯކަލް ކައުންސިލްތަކުގެ އިދާރާތައް އަލުން އިމާރާތް ކުރުމަށް 50 ރަށެއް ކަނޑައަޅައި އެރަށްތަކުގެ ނަންތައް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ރަށްކުގެ ނަންތައް ޢިއުލާންކޮށްފައިވާއިރު، މިއީ އެންމެ ހާލަތު ދަށްކޮށް ހުރި ކައުންސިލް އިމާރާތްތައް އަލުން އިމާރާތްކުރުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުގެ ދަށުން އަލުން އިމާރާތް ކުރަން ނިންމާފައިވާ ކައުންސިލް އިދާރާތަކެއް ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މި ރަށްތަށް ކަނޑައަޅާފައިވަނީ ކައުންސިލްތަކުގެ ޙާލަތާއި ޖާގައާއި ޚިދުމަތުގައި ހަރަކާތްތެރިވާ މިންވަރަށް ބަލާ ކަނޑައާޅާފައިވާ ވަކި މިންގަނޑަކަށް ބަލައިގެން ކަމަށެވެ.
ކައުންސިލް އިދާރާތައް އަލުން އަޅަން ނިންމި ރަށްތައް ކަނޑައަޅާފައި ވަނީ، 2023 އަދި 2024 ވަނަ އަހަރު ޕީއެސްއަޕީ ބަޖެޓުގައި، ކައުންސިލް އިމާރާތް އެޅުމަށް ހިމަނާފައިވާ ރަށްތައް ނުހިމަނާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި ރަށްތަކުގެ ތެރޭގައި ބޮޑުތިލަދުންމަތީގެ ތިން އަތޮޅުގެ 10 ރަށެއް ހިމެނެއެވެ. އެ ރަށްތަކަކީ، ހއ. އަތޮޅުން އެއަތޮޅު ވެރިރަށް ދިއްދޫ އާއި އިހަވަންދޫ އަދި ވަށަފަރެވެ. ހދ. އަތޮޅުން ކުމުންދޫ، ނޭކުރެންދޫ އަދި ވައިކަރަދޫ އެވެ. ށ. އަތޮޅުން ފޭދޫ، ކޮމަންޑޫ، ގޮއިދޫ އަދި ނަރުދޫ އެވެ.
ކައުންސިލް އިދާރާ އަލުން އަޅާ އިތުރު ރަށްތައް
- ނ. އަތޮޅު ހެނބަދޫ، ޅޮހި، ފޮއްދޫ، މަނަދޫ، މަގޫދޫ، ލަންދޫ
- ރ. އަތޮޅު، ވާދޫ އަދި ހުޅުދުއްފާރު
- ބ. އަތޮޅު އޭދަފުށި، ފެހެންދޫ، ކުޑަރިކިލު އަދި ކަމަދޫ
- ޅ. އަތޮޅު ކުރެންދޫ
- ކ. އަތޮޅު ގާފަރު، ތުލުސްދޫ، ގުރައިދޫ، ކާށިދޫ އަދި ހިންމަފުށި
- އދ. މަހިބަދޫ، ކުނބުރުދޫ އަދި ފެންފުށި
- މ. މުލި، ދިއްގަރު އަދި މުލައް
- . ފ. ފީއަލި
- ދ. ހުޅުދެލި އަދި ބަނޑިދޫ
- ތ. ވޭމަންޑޫ، ގުރައިދޫ، ބުރުނި، ގާދިއްފުށި އަދި އޮމަދޫ
- ލ. މާވަށް، ކުނަހަންދޫ އަދި މާބައިދޫ
- ގއ. މާމެންދޫ އަދި ނިލަންދޫ
- ގދ. މަޑަވެލި
މި 50 ރަށުގެ އޮފީސް އިމާރާތުގެ ޢަމަލީ މަސައްކަތް މިއަހަރު ފަށަން ނިންމާފައިވާއިރު، އަދި މި އިމާރާތްތައް ވާނީ ވަރަށް ޖާގަ ތަނަވަސް އަދި ކައުންސިލްތަކުގެ ހިންގުމުގެ މަސައްކަތަށް ބޭނުންވާ ލުއިފަސޭހަތައް ލިބޭގޮތަށް ފަރުމާކުރާ ތަންތަނަށްކަމަށް ވަޒީރު އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!