މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ތުހުމަތުވާ މުހައްމަދު މަފާޒް ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޖުލައި، 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މަފާޒް ހުސައިން ސަލީމާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށް އެ މައްސަލަ ނިމެންދެން މަފާޒް ބަންދުކުރަން ދައުލަތުން ހައި ކޯޓުގައި އެދުނެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ނެރުނު އަމުރުގައިވަނީ އެ މައްސަލާގައި މަފާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި އެބަހުރި ކަމަށެވެ. އެހެންކަމުން ހައި ކޯޓުން މައްސަލަ ނިމެންދެން މަފާޒް ބަންދުކުރަން އަމުރުކުރީ ކަމަށް އެ އަމުރުގައިވެ އެވެ.
އެ މައްސަލާގައި މަފާޒްގެ އިތުރުން ދެން ދައުވާލިބޭ މީހުން ބަންދުކުރަން ވެސް ދައުލަތުން ކުރިން އެދުނު ނަމަވެސް ހައި ކޯޓުން އޭރު ނިންމީ ދައުވާލިބޭ ނިފާޒް ފިޔަވައި އިތުރު މީހަކު ބަންދުކުރަން އަމުރު ނުކުރެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!