ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތް މިއަށް ވުރެ މަތީ ފަންތިއަކަށް ނޫނީ ހަރުފަތަކަށް ގެންދަން ޖެހޭ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

"ފަލަސްތީނާއެކު ދިވެހީން" ނަމުގައި ޕީއެސްއެމުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދިވެހިންނަކީ ފެށުނީއްސުރެ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބި ބައެއް ކަމަށާއި ދިވެހިން އެކި ގޮތް ގޮތަށް އެހީތެރިވަމުންދާ ކަމަށެވެ. އަދި ފަލަސްތީނުގެ ހައްގުގައި ދިވެހިންގެ އަޑު އިއްވެން އޮތް ގޮތަކަށް އިއްވަމުން ގެންދާ ކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

Ad
rt

"ނަމަވެސް އެ މަސައްކަތް އެއަށްވުރެ މަތީ ފަންތީއަކަށް ގެންދަން އެބަ ޖެހޭ، މިހާރު ދުނިޔޭގައި މީގެކުރިން ފަލަސްތީނާ އެއްކޮށް ވާހަކަ ނުދައްކާ ތިބި ފަރާތްތަކުން ވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ތެދުވެ، މަސައްކަތް ކުރާ ތަން ފެނޭ. އެއީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއީ ދެ ގައުމެއްގެ ދޭތެރޭގައި ޖެހިފައި އޮތް މައްސަލައެއް ނޫނެވެ. ރައީސް ވިދާޅުވީ، މިއީ އިސްލާމީ އުއްމަތަށް ކުރިމަތިވެފައި އޮތް ބޮޑު ކަމެއް ކަމަށެވެ. ދިވެހިންނަކީ މުސްލިމުން ކަމަށްވާ އިރު، މުސްލިމުންގެ ސިފައަކީ އެއް މުސްލިމަކަށް ދިމާވާ ކޮންމެ ކަމެއްގައި މުޅި އުއްމަތް ޝާމިލްވުން ކަމަށް ވިދާޅުވިއެވެ.

"އެއީ ދީނުގައި އެކަން އޮތް ގޮތް، ހަށިގަނޑުގެ އެންމެ ކުޑަތަންކޮޅަކަށް ތަދުވިޔަސް މުޅި ހަށިގަނޑު އެކަމުގައި ވޭން އަޅާާނެކަން މިސާލެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އިސްލާމް ދީނުގައި ދަސްކޮށްދީފައި އޮންނަނީ، އެއީ މުސްލިމުންގެ އުއްމަތުގެ ސިފައަކީ،". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއީ ފަލަސްތީނާއި އިސްރާއީލާ ދެމެދު އޮތް މައްސަލައެއް ކަމަށް ބަލައި ލޯ މަރާލައިގެން ތިބެގެން ނުވާނެ ކަމަށާއި، މިއީ ކޮންމެ މުސްލިމެއްގެވެސް ހައްގެއް، ޒިންމާއެއް އަދި މަސްއޫލިއްޔަތެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދިނުމުގައި، ދީލަތި ކަމުގައި އިންތިހާއަށް ދާން ޖެހޭ ކަމެއް،". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ މުސްލިމުން ކުރިމަތީގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި މިއަދު އެކަމަށް އެހީތެރިކަން ފޯރުކޮށްނުދީފިނަމަ އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ވިސްނުމެއް އަދި ފިކުރެއްގެ މީހުންވެސް ޓެލެތޯންގައި ބައިވެރިވެ ފަލަސްތީނަށް އެހީވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.