ޒަކާތު ފަންޑުން މިދިޔަ މޭމަހު ފަޤީރުންނާއި މިސްކީނުންނަށް ބޭސް ފަރުވާގެ އެހީގެ ގޮތުގައި 1.6 މިލިއަން ރުފިޔާގެ އެހީ ދީފިއެވެ.
ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ މޭ 2024ގެ ތަފާސް ހިސާބު ރިޕޯޓު މިއަދު އާންމުކޮށްފައިވާއިރު، ޒަކާތު ފަންޑުން މިދިޔަ މޭމަހު ފަޤީރުންނާއި މިސްކީނުންނަށް ބޭސް ފަރުވާގެ އެހީގެ ގޮތުގައި 1،632،265 މިލިއަން ރުފިޔާގެ އެހީ ދީފައި ވަނީ 180 މީހަކަށެވެ.
މި އެހީ ދީފައިވާ ފަރުވާގެ ތެރޭގައި ތަފާތު ބޮޑެތި ހަތަރު ބައްޔަކަށް ފަރުވާ ކުރުމަށް އެހީ ދީފަ ވެއެވެ. މިގޮތުން ކެންސަރު ބައްޔަށް ބޭސްކުރަން 454،574.50 ރުފިޔާގެ އެހީ ދީފައިވާއިރު، ސިކުނޑީގެ އޮޕަރޭޝަން ކުރަން 72،088.50 ރުފިޔާގެ އެހީ ދީފަވެއެވެ.
މީގެ އިތުރުން ކިޑްނީ ބަލިތަކަށް ބޭސްކުރަން 89،050.50 ރުފިޔާގެ އެހީ އަދި ހިތުގެ އޮޕަރޭޝަން ކުރަން 67،848 ރުފިޔާގެ އެހީ ދީފަވެއެވެ.
ޒަކާތު ފަންޑުން މިދިޔަ މޭމަހު އެހެނިހެން ބަލިތަކަށް ބޭސްކުރަން 619،113 ރުފިޔާ ވަނީ ދޫކޮށްފައެވެ.
ޒަކާތު ހައުސްއިން ކޮށްފައިވާ އެހެނިހެން ޚަރަދުތަކަށް ބަލާއިރު، ޒަކާތުގެ މަސައްކަތް ކުރުމަށް ޒަކާތު ފަންޑުން ނަގާފައިވާ މުވައްޒަފުންގެ އުޖޫރައެއްގެ ގޮތުގައި މޭމަހު 262،2666.50 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ޒަކާތު ފަންޑުން ފިތުރު ޒަކާތުގެ ގޮތުގައި މޭ މަހު، 41،937.71 ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މި އަހަރު އިދާރީ އަދި އެކައުންޓުތަކުގެ މައްސަލަތަކާ ގުޅިގެން ފައިސާ ރައްދުނުކުރެވިވާ ފަރާތްތަކަށް ޖަމާކުރެވުނު ފައިސާ ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!