ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ރޭ ފާސްކޮށްފި އެވެ.

މާލޭގެ ޖެން ހޮޓެލްގައި ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 50 ރުފިޔާ ދޭން ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅިއެވެ. އެ ހުށަހެޅުމަށް ހިއްސާދާރުން ވަނީ ތާއިދުކޮށްފައެވެ.

Ad
rt

މިގޮތުން ބީއެމްއެލްގެ ހިއްސާދާރުންވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާގެ މަގުން ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ފާސްކޮށްފައެވެ.

މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި އެ ކުންފުނިން ބެހީ ހިއްސާއަކަށް 40 ރުފިޔާގެ މަގުން ޖުމްލަ 215 މިލިއަން ރުފިޔާއެވެ.

މި ޖަލްސާގައި އެ ކުންފުނީގެ ބޯޑުގައި ސަރުކާރުގެ ފަރާތުން ކަނޑައަޅާ މެންބަރުންނާއި އާންމު ހިއްސަަދާރުންގެ ފަރާތުން ކަނޑައަޅާ ދެ މެންބަރުން ހޮވާފައިވާއިރު، ބީއެމްއެލް ބޯޑަށް ސަރުކާރުގެ ފަރަަތުން ހޮވުނު މެންބަރުންނަކީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާލް ސްޓުމްކަ، އައިޝަތު ނޫރައްދީން، އައިޝަތު ސަޖްނީ، އަލީ ފާރިޝް މުހައްމަދު، އާދިލް މޫސާ އަދި ޑރ މަރިޔަމް ސުޒީ އާދަމް އެވެ. އަދި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަަށް ހޮވުނީ އަހުމަދު މުހައްމަދާއި އިބްރާހިމް މުހައްމަދާއި އަބްދުﷲ ނަސީމެވެ.

މިދިޔަ އަހަރަކީ ބީއެމްއެލްއިން އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރެވެ. މިގޮތުން ޓެކްސް އުނިކުރުމަށްފަހު ބޭންކަށް ސާފު ފައިދާގެ ގޮތުގައި 269 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ބީއެމްއެލްގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެއެވެ.