ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ހާލަތާ ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިއަދުން ފެށިގެން އަނެއްކާވެސް ގުނޫތު ކިޔަން ފަށާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހިތްދަތި ހާލަތާ ގުޅިގެން، މިއަދުން ފެށިގެން މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައި ގުނޫތު ކިޔުމަށް އިމާމުންނަށް އަންގާނެ ކަމަށެވެ.
"މުސްލިމުންނަކީ އެއް ހަށިގަނޑެއް. އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިހުލާސްތެރިކަމާ އެކު ދުއާ ކުރަންވީ ވަގުތު،" ޝަހީމް ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ދެމުންދާ ހަމަލާތައް ވަރުގަދަ ކުރުމާ އެކުގައި ރާއްޖޭގައި މީގެކުރިން ވެސް ގުނޫތު ކިޔަން ފަށައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 7 ގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެކަމުގެ ބަދަލު ހިފަން އިސްރާއީލުން ދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅަމުންނެވެ. ހަމާސް އިން ދިން ކުއްލި އެ ހަމަލާގައި އިސްރާއީލްގެ 1،000 އަށް ވުރެ ގިނަ މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރި އެވެ.
އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ފަލަސްތީނުގެ ޣައްޒާ އިން 36،096 ރައްޔިތުން ޝަހީދުކޮށްލައި 81،136 މީހުން ވަނީ ޒަހަމްކޮށްލައިފަ އެވެ. އިސްރާއީލްގެ ހަމަލާތައް މިހާރު ބޮޑަށް އަމާޒުކޮށްފައި ހުރީ ޣައްޒާގެ ދެކުނުން އޮންނަ ރަފަހަށެވެ. އެ ސަރަހައްދުގައި ދިރިއުޅުނު 800،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ އެ ސަރަހައްދުން ފައިބައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!