ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރު ނިންމައި، ދެ ދައުރު ރައްޔިތުންނަށް ކުރެވުނު ޚިދުމަތަށްފަހު ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލަކީ ދެ ދައުރުގައި ވެސް ދިން ހުރިހާ ވޯޓެއް ވެސް އަމިއްލަ ވިސްނުމުގައި، ޤައުމަށް އެންމެ ފައިދާހުރި ގޮތަށް ދެވިފައިވުން ކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

ރިޔާޟް މިހެން ވިދާޅުވީ، 19 ވަނަ މަޖިލީހުގެ ދައުރު މިއަދު ނިމިގެންދާއިރު، އޭނާ ދެއްވި ވަދާއީ މެސެޖުގައެވެ.

Ad
rt

މި ނިމޭ 19 ވަނަ މަޖިލީހުގައި ރިޔާޟް ތިމަރަފުށީ ދާއިރާ ތަމްސީލް ކުރައްވާފައިވާއިރު، 18 ވަނަ މަޖިލީހުގައި ވަނީ ކިނބިދޫ ދާއިރާ ތަމްސީލް ކުރައްވާފައެވެ.

މަޖިލީހުގައި 10 އަހަރު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށްފަހު ރިޔާޟް މިއަދު އާންމު ކުރެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ، މަޖިލީހުގެ ދެ ދައުރުގައި ވެސް އޭނާ މަސައްކަތްކޮށްފައި ވާނީ އެއިރެއްގައި އޮތް ސަރުކާރަކާއި ގުޅިގެން، ކިނބިދޫ ދާއިރާ އަށާއި، ތިމަރަފުށީ ދާއިރާ އަށާއި އަދި މުޅި ޤައުމަށް އެންމެ ރަނގަޅު ގޮތައް ކަންކަން ފަހިކުރެވޭތޯ ކަމަށެވެ.

''އަޅުގަނޑު އެންމެ އުފާވާ ސަބަބަކީ މިއަދު އަޅުގަނޑު މި ޚިދުމަތް ނިންމާފައި ދާއިރު އަޅުގަނޑު މަޖިލީހުގައި ކޮށްފައި ހުރި މަސައްކަތްތަކަށް ބަލާއިރު އަދި ދީފައި ހުރި ވޯޓުތަކަށް ބަލާއިރު އަޅުގަނޑު ހަމަ އެންމެ ވޯޓެއް ވެސް އަޅުގަނޑުގެ ވިސްނުމަށް ޤަބޫލުނުކުރެވޭ، އަދި ޤައުމަށް އެންމެ ފައިދާ ހުރި ކަންކަން ފިޔަވައި އެއްވެސް ގޮތަކަށް ވޯޓު ދީފައި ނުވާނެ، އެއީ މިއަދު އަޅުގަނޑު މިއަދު އެންމެ އުފާވާ އެއްކަމަކީ'' ރިޔާޟް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އޭނާ އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންނާއި ޤައުމު އިސްކޮށްގެންނެވެ.

ރިޔާޟަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެއް ނައިބު ރައީސެވެ. އޭނާ ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއްވަންދެން ޤައުމަށް ޚިދުމަތްކުރައްވާފައެވެ. އެ ޚިދުމަތުގެ ތެރެއިން އޭނާ ފުލުހުންގެ ޚިދުމަތުން ރިޓަޔާކުރެއްވިއިރު ހުންނެވީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައެވެ.