އަންނަ ބުދަ އާއި ހަމައަށް ކަނޑު ދަތުރު ކުރެވޭވަރުވާނެތީ މި މުއްދަތުގައި، ކާޑާއި ޒަރޫރީ ތަކެއްޗަށް ބޭނުންޖެހިފައިވާ ރަށްތަކުން އެ ތަކެތި އެ ރަށްތަކަށް ގެންދިޔުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެންޑީއެމްއޭ އިން މި އިލްތިމާސްކުރީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ކަނޑު ދަތުރުފަތުރަށް ބުރޫ އަރާފައިވާތީ، ބައެއް ރަށްތަކަށް ކާޑާއި ޒަރޫރީ ތަކެތި ގެންދަން ދަތިތަކެއް ހުރުމުން އެކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާތީއެވެ.

Ad
rt

އެހެންވެ، އެ އޮތޯރިޓީން ބުނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައި ގައި ކަނޑު ދަތުރު ކުރުމަށް ބުރޫ އަރާފައި ވާތީ ބައެއް ރަށްރަށުން ކާޑުގެ ބާވާތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިވެފައިވާތީ އާދީއްތަ (މިއަދު) އިން ފެށިގެން އަންނަ ބުދަ އާ ހަމައަށް ކަނޑުދަތުރު ކުރެވޭ ވަރަށް މޫސުން ތަންދޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

''ވީމާ، ރަށްރަށުގެ ހާލަތު ބައްލަވައި، މި މުއްދަތުގެ ތެރޭގައި ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ރަށަށް ގެންދިޔުމަށް އިލްތިމާސް ކުރަމެވެ.'' އެންޑީއެމްއޭ އިން ބުނެފަވެއެވެ.

މި ވޭތުވެ ދިޔަ ހަފުތާއެއްހާ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ދިގު ދެމިގެން ދިޔަ ވިއްސާރައެއް ވަނީ ކޮށްފައެވެ. މޫސުމުގެ ސަބަބުން ގިނަ އަތޮޅުތަކަކަށް ރީނދޫ އަދި އޮރެންޖް އިންޒާރު ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ނެރެފައެވެ.

މޫސުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުން ކަނޑު ދަތުރުފަތުރުކުން އެއްކޮށްހެން ހުއްޓާލަން ޖެހުންނެވެ.