އިރާންގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާ ގުޅިގެން ދިވެހި ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
އިރާންގެ އުތުރުގައި އޮންނަ އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި އީރާންގެ ރައީސް އަދި އަރިހުގައި ދަތުރުކުރެއްވި ވަފުދު ދަތުރުކުރެއްވި ހެލިކޮޕްޓަރު އޭގައި ދަތުރު ކުރި އެންމެން ވަނީ ދުނިޔެއާ ވަކިވެފައެވެ.
ދުނިޔެއާ ވަކިވީ ކޮން ބައެއް؟
1- އިރާންގެ ރައީސް އިބްރާހިމް ރައީސީ
2- އިރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން
3- އަޒަރްބައިޖާންގެ އިރުމަތީ ސަރަހައްދުގެ ގަވަރުނަރު މާލިކް ރަހްމަތީ
4- ތަބްރީޒުގެ އިމާމު މުހައްމަދު އަލީ އަލްހާޝިމް
5- ހެޑް އޮފް ޕްރެޒިޑެންޝިއަލް ގާޑް މަހްދީ މޫސާވީ
6- ހެލިކޮޕްޓަރުގެ ޕައިލެޓް، ކޯ ޕައިލެޓް އަދި ކްރޫ މެމްބަރު.
ރައީސް އޮފީހުން ބުނީ އީރާންގެ ރައީސް ރައީސީ އަވަހާރަވުމާ ގުޅިގެން ރަސްމީ ގޮތުން ހިތާމަފާޅުކޮށް، މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމާފައިވާ ކަމަށެވެ.
މި ހެލިކޮޕްޓަރު ހޯދުމަށް ރެސްކިއު ޓީމުތަކުން ކުރި މަސައްކަތުން 15 ވަރަކަށް ގަޑިއިރު ފަހުން ޑްރޯންގެ އެހީގައި މި ހެލިކޮޕްޓަރު ވެއްޓިފައިވާތަން ދެނެގަނެވިފައިވާއިރު، އެ ހެލިކޮޕްޓަރު ފެނުނުއިރު ވަނީ އެއްކޮށް އަނދާފައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފަވެއެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ރައީސީގެ އިތުރުން ހެލިކޮޕްޓަރުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުލްހައްޔާން އާއި އީސްޓް އަޒަރުބައިޖާން ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހުމަތީ އަދި ތަބްރީޒް ޕްރޮވިންސުގެ އިމާމް މުހައްމަދު އަލީ އަލް ހާޝިމް ހިމެނިވަޑައިގަންނަވައެވެ.
މި ހެލިކޮޕްޓަރު ވެއްޓުނީ ބޯކޮށް ވާރޭ ވެހި، ދުންފިނި ބޯވެ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!