އިނގިރޭސި ޕްރިމިއާ ލީގުގެ، މި ސީޒަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް މެންޗެސްޓާ ސިޓީގެ އިންގްލެންޑް މިޑްފީލްޑަރ ފިލް ފޯޑެން ހޮވިއްޖެއެވެ.

އުމުރުން 23 އަހަރުގެ ފޯޑެންގެ ފަރާތުން މި ސީޒަންގައި ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އޭނާ ވަނީ ލީގުގައި ސިޓީއަށް ކުޅެދިން މެޗުތަކުގައި 17 ލަނޑުޖަހައި 8 ލަނޑު ޖަހަން އެހީތެރިވެދީފައެވެ.

Ad
rt

ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ލީގު ކާމިޔާބު ކުރުމާއި ފިޔަވަޅަކާއި ގާތަށް ސިޓީން ޖެހިލާފައިވާއިރު، ފާއިތުވި ހަތަރު ސީޒަންގައި ވެސް ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދާފައި ވަނީ ސިޓީގެ ކުޅުންތެރިންނެވެ. މިދިޔަ ހަތަރު އަހަރި މި މަގާމް ހޯދީ ހާލަންޑާއި ރުބެން ޑިއާޒްގެ އިތުރުން ޑިބްރޭނާއެވެ. ޑިބްރޭނާ ވަނީ އޭގެތެރެއިން ދެ ސީޒަނެއްގައި މޮޅު ކުޅުންތެރިއާގެ މާގާމް ހޯދާފައެވެ.

ލީގުގެ މޮޅު ކުޅުންތެރިއަކަށް ހޮވުމުން ފޯޑެން ބުނީ އޭނާ އެކަމާއި ވަރަށް ފަހުރުވެރިވާ ކަމަށެވެ. ޕްރިމިއާ ލީގަކީ ދުނިޔޭގައި އޮތް އެނެމް ވަރުގަދަ ލީގު ކަމަށާއި މި ލީގުގައި މޮޅެތި ބައިވަރު ކުޅުންތެރިން ކުޅެމުން އަންނައިރު އެ ކުޅުންތެރިންނާއި ވާދަކޮށް މޮޅު ކުޅުންތެރިއާގެ މަގާމް ލިބުމަކީ ޝަރަފެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މިފަހަރު ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ވާދަކޮށްފައި ވަނީ ސިޓީގެ ހާލަންޑާއި ނިއުކާސަލްގެ އިސަކް، ލިވަޕޫލްގެ ވެންޑައިކް، އާސެނަލްގެ އޮޑެގާޑް، އެސްޓަން ވިލާގެ ވަޓްކިންސް، އާސެނަލްގެ ރައިސްގެ އިތުރުން ޗެލްސީގެ ކޯލް ޕާމާއެވެ. ޕާމާ ވަނީ ސީޒަންގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދާފައެވެ.