ޔުވެންޓަސްއާއި އެތުލާންޓާ ބައްދަލުކުރި އިޓާލިއަން ކަޕް ފައިނަލް މެޗަށްފަހު އަމަލުތައް ބެހެއްޓިގޮތުން، ޔުވެންޓަސްގެ ކޯޗުކަމުން މަސިމިލިއާނޯ އަލެގްރީ، ވަކިކޮށްފިއެވެ.
ޔުވެންޓަސްއާއި އެތުލާންޓާ ބައްދަލުކުރި އިޓާލިއަން ކަޕްގެ ފައިނަލް މެޗު ކުޅެފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރެއެވެ. އެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަން ކަން ހޯދީ ޔުވެންޓަސްއެވެ. މެޗުގައި ޖެހި ހަމައެކަނި ލަނޑު ހަތަރު ވަނަ މިނެޓުގައި ޖަހައިދިނީ ވްލަހޮވިޗެވެ.
ރެފްރީ މެޗު ނިންމާލި ވަގުތު އަލެގްރީ ވަނީ ހަތަރުވަނަ އޮފިޝަލާއި ދިމާލަށް ގޮސް ވަރަށް ބޮޑަށް ނުރުން ފާޅުކޮށްފައެވެ. އަލެގްރީގެ އެ އަމަލުތަކާއި ހެދި ރެފްރީ ވަނީ އޭނާއަށް އެ ވަގުތު ރަތްކާޑު ވެސް ދައްކާފައެވެ. މީގެއިތުރުން މެޗުން މޮޅުވެ އުފާފާޅުކުރި ވަގުތު އަލެގްރީ ވަނީ އެތުލާންޓާގެ ސްޕޯޓިން ޑިރެކްޓަރަށް އިސާރާތްކޮށް އިފާފާޅުކޮށްފައެވެ. މި މައްސަލަ އިޓަލީގެ ފުޓްބޯޅަ ފެޑްރޭޝަނުން ވެސް އަންނަނީ ބަލަމުންނެވެ.
އެ އަމަލުތަކާއި ހެދި މިދިޔަ ހުކުރު ދުވަހު ޔުވެންޓަސް އިން ވަނީ އަލެގްރީ އެ ޓީމްގެ ކޯޗުކަމުން ވަކިކޮށްފައެވެ. މިކަމާއި ގުޅިގެން ޔުވެންޓަސް އިން ނެރުނު ބަޔާނުގައި ބުނީ މެޗަށް ފަހު އަލެގްރީގެ އަމަލުތައް ހުރީ އެ ޓީމުން އެއްގޮތަކަށް ވެސް ބަލައިގަންނަ ގޮތަކަށް ނޫން ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އިން ވަނީ މި ސީޒަން ނިމުމުން އަލެގްރީ ވަކިކުރަން ކުރިން ވެސް މަޝްވަރާތައް ކޮށްފައެވެ.
އުމުރުން 56 އަހަރުގެ އަލެގްރީގެ ބަދަލުގައި ދެން ޔުވެންޓަސްގެ ކޯޗުކަން ހަވާލުކުރާނީ މިހާރު ބްލޯނާގެ ކޯޗްގެ މަގާމު ފުރަމުން އަންނަ ތިއާގޯ މޮޓާއާއެވެ.
އަލެގްރީ ވަނީ 2014 ވަނަ އަހަރުން 2019 ވަނަ އަހަރަށް ޔުވެންޓަސް އަށް އިރުޝާދު ދީފައެވެ. އެ ހުރިހާ ސީޒަނެއްގައި ޔުވެންޓަސް އިން ވަނީ އިޓާލިއަން ލީގު ކާމިޔާބު ކޮށްފައެވެ. އެ މުއްދަތުގައި އިޓާލިއަން ކަޕް ހަތަރު ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން ދެ ފަހަރު ޔުވެންޓަސް ގޮވައިގެން ޗެމްޕިއަންސް ލީގުގެ ފައިނަލަށް އަލެގްރީ ވަނީ ދަތުރު ކޮށްފައެވެ.
ދެ އަހަރުގެ ޗުއްޓީއަކަށް ފަހު އަލުން ޔުވެންޓަސްގެ ކޯޗުކަމާއި އެލެގްރީ ހަވާލުވީ 2021 ވަނަ އަހަރުއެވެ. ފާއިތުވި ތިން އަހަރު ތެރޭ އޭނާއަށް ޔުވެންޓަސްއާއިއެކު ކާމިޔާބު ކުރެވުނީ މީގެ ދުވަސްކޮޅެއް ކުރިން ކާމިޔާބު ކުރެވުނު އިޓާލިއަން ކަޕެވެ. އެއީ އޭނާ އެ ޓީމާއިއެކު ކާމިޔާބު ކުރި ފަސްވަނަ އިޓާލިއަން ކަޕެވެ. ލީގުގައި ޔުވެންޓަސްއަށް ބަކީ ދެ މެޗު އޮތްއިރު އެ ޓީމް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!