މުދާ އުފުލާ ދޯންޏެއް ގެއްލިގެން، އެ ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެކެވެ.

Ad
rt

“AAA-37” ނަމަކަށް ކިޔާ މި މުދާ އުފުލާ ދޯނި ތިލަފުށިން ފުރާފައި ވަނީ 17 މޭ ވީ ހުކުރު ދުވަހު (އިއްޔެ) ހެނދުނު 06:00 ހާއިރު އެވެ.

ތިން މީހުންނާއެކު ފުރި މި ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ 17:20 ހާއިރެވެ.

އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ހަރަކާތްތެރިވަމުން އަންނައިރު، މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

މުދާ އުފުލާ ދޯންޏެއް ގެއްލިގެން، އެ ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން އަންނައިރު، މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. މިގޮތުން މިވަގުތު ވެސް އޮތީ މުޅި ރާއްޖެ އަށް ހުދު ސަމާލުގެ މޫސުމީ އެލާޓް ނެރެފައެވެ.