ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިންނެވެ.

ލީގުގައި ހަތަރު މެޗު ބާކީ އޮއްވައި ރެއާލް މެޑްރިޑުން ވަނީ ލީގު ޗެމްޕިއަންކަން ހޯދާފައެވެ. ރޭ މެޗަށް ނުކުތްއިރު ބާސާ އޮތީ ޕޮއިންޓް ތާވަލުގެ ތިން ވަނާގައެވެ. ރޭ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ބާސާ ދެވަނާގައި އޮތީ ކުޅުނު 35 މެޗުން ލިބުނު 76 ޕޮއިންޓާއި އެކުއެވެ. ތިންވަނާގައި ޖިރޯނާ އޮތީ 35 މެޗުން ލިބުނު 75 ޕޮއިންޓާއިއެކުއެވެ.

Ad
rt

މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ގުންޑަގާން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ އުމުރުން 16 އަހަރުގެ ލެމީން ޔަމާލްއެވެ.

މެޗުގައި ރަފީނިއާ ވަނީ ސޮސިއެޑާޑްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އޭނާ ފޮނުވާލި އެއް ހަމަލާ ގޯލުގެ ފަނޑިއަށް އަމާޒުވީއިރު، އޭރުއާ ބޭރުން ގޯލުގެ މަތީ ކަނާއި އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ހަމަލާ މަތަކުރީ ސޮސިއެއޑާޑްގެ ކީޕަރު ރެމިރޯއެވެ. ލަނޑުޖަހަން ހުހަށް ލިބުނު ފުރުސަތުގައި ފެރާން ޓޯރޭސް ފޮނުވާލި ނުރައްކާތެރި ހަމަލާ ދިފާއު ކުރީ ވެސް ކީޕަރ ރެމިރޯއެވެ.

ބާސާއިން ދެވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ އިތުރު ވަގުތު ލިބުނު ޕެނަލްޓީއަކުން ރަފީނިއާއެވެ. މިއީ ސޮސިއެޑާޑްގެ އޭރިއާތެރެއިން ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ވީއޭއާރުން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.