ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް "ސާކް" އިން އިންތިޒާމް ކޮށްގެން އިހަވަންދޫގައި ބާއްވާ، ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024، ފަށައިފިއެވެ.
ބޮޑުތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މި އަހަރު ބައިވެރިވެފައި ވަނީ 9 ޓީމެކެވެ. މިދިޔަ އަހަރު ވެސް މި މުބާރާތް ވަނީ ބާއްވާފައެވެ. މިދިޔަ އަހަރު މުބާރާތުގައި 10 ޓީމް ބައިވެރިވިއެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ އިހަވަންދޫ ޔުނައިޓެޑް ޔޫތެވެ.
މި އަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމްތަކަކީ ޓީމް މޮޅަދޫ، ޔުނައިޓެޑް ޔޫތު، އެންވީކޭ، ކުޅިމަގު، ޖޭއޭ މަނަފަރު، އެފްސީ ބޮޑުމަގު، ސެންސިޓީ، ޓީމް ނައިވާދޫގެ އިތުރުން ކުޅިމަގު ފަސްގަނޑެވެ.
މި މުބާރާތުގެ ކުޅުން ރޭ ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ އެންވީކޭއާއި އެފްސީ ބޮޑުމަގެވެ. މި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ ހުޒައިފަތު ރަޝީދެވެ.
ރޭ ދެވަނަ މެޗުގައި ބައްދަލުކުރީ ޖޭއޭ މަނަފަރާއި ޓީމް މޮޅަދޫއެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބު ކުރީ މަނަފަރުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މަނަފަރުގެ މުހައްމަދު އާސިފްއެވެ.
މި މުބާރާތުގައި މިއަދު ތިން މެޗު ކުޅޭނެއެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުޅިމަގާއި އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތެވެ. މިރޭ ދެ މެޗު ކުޅޭނެއެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓީމް ނައިވާދޫ އާއި ކުޅިމަގު ފަސްގަނޑެވެ. މިރޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެންވީކޭއާއި ސެންސިޓީއެވެ.
މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް އިހަވަންދޫގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!