ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހެދި އިންކުއަރީ ރިޕޯޓުގައިވާ ކަންކަން ތަންފީޒު ކުުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ގޮވާލައްވައިފިއެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިނީ މެއި 6، 2021 ގައެވެ. މި ހަމަލާ ދިނީ ރޯދަ މަހުގެ ތެރޭގައެވެ. އެ ހަމަލާ ދީފައި ވަނީ އެ ރޭގެ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅު، ގ. ކެނަރީގެއިން ނުކުމެވަޑައިގެން ބޮޑީގާޑުންނާ އެކުގައި މަޖީދީ މަގުގައި އޮތް ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި ވަގުތުގައެވެ.

Ad
rt

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ، މި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ތައްޔާރުކޮށް އާންމު ކޮށްފައިވާ އިންކުއަރީ ރިޕޯޓުގައި ހިމަނާފައިވާ ރިކޮމަންޑޭޝަންތައް ވީހާވެސް އަވަހަށް ފުރިހަމައަށް އަމަލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ރާއްޖެއިން ހަރުކަށިފިކުރާ އަނިޔާވެރިކަން އެއްކޮށް ނެތިގެން ދިއުން. އަދި މި ހަމަލާއާ ގުޅޭގޮތުން ތަހުގީގުތައް އަވަސްކޮށް ޝަރީއަތްތައް ނިމިގެން ދިއުމަކީ މުހިންމުވެފައި ބޭނުންތެރި ކަމެއްކަމުގައި ވެސް ދެކެން." އަސްލަމް ވިދާޅުވިއެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުވާ ކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

މި ހަމަލާގައި ބޮން ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދު ވަނީ ކުށަަށް އިއުތިރާފުވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.