މި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހަކާއެކު، ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދު ހަގީގަތަކަށް ހައްދަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

Ad
rt

އެ ޚިތާބުގައި ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމުދަނީއެއް ހޯދަން އޮތް ދަތިކަންކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް މި ސަރުކާރުން ނަގާފައިވާ އިސްނެންގެވުން، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހަކާއެކު ހަޤީޤަތަކަށް ހައްދަވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

''ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމްދަނީއެއް ހޯދަން އޮތް ދަތިކަން، ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި ޢިނާޔަތެއް ދިނުމަށް އަޅުގަނޑުމެން ވާނީ އިސްނަގައިފައި، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ އަޣްލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހަކާއެކު އިރާދަކުރެއްވިއްޔާ މި އިސްނެގުމުގައި ޙަޤީޤީ ކުލަ ޖައްސާނަން'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވެފައިވާގޮތުގައި، ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި، އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު މީޑިއާތަކަށް އިތުރުކޮށްދިނުމާއި، ޚަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެއެވެ.

''އާމްދަނީ ލިބުމަށް އޮތް ދަތިތަކުގެ ސަބަބުން، ރޭޑިއޯ ޚަބަރު ފެތުރުމާއި، ޗާޕުކޮށްގެން ނޫސް މަޖައްލާ ނެރުން ރާއްޖޭގައި ހުއްޓެމުން ދާތީ ސަރުކާރުން ކަންބޮޑުވޭ، ސަރުކާރުގެ އަމާޒަކީ، ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަރނެޓާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށްވެސް ފަހި މާޙައުލެއް ރާއްޖޭގައި ދެމެހެއްޓުން'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު، މީސްމީޑިއާގެ މަންސަތައް އިތުރުވެ، ނުފޫޒު ގަދަވެ، ކޮންމެ މީހަކު ބޭނުންވާ ޚަބަރާއި މަޢުލޫމާތާއި ޝުޢޫރުތައް ވެސް މުޅި މުޖުތަމަޢަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފޯރުކޮށްދިނުމުގެ ފުރުޞަތު މިއަދު އެބައޮތެވެ. މިފަދަ ހާމަކަން ބޮޑު، ހުޅުވައިލެވިފައިވާ ދުނިޔެއެއްގައި ތެދު މަޢުލޫމާތު ފެތުރުމަކީ، ކޮންމެ ފަރުދެއްގެ އިންސާނީ އަދި ޤައުމީ ޒިންމާއެއްކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ދޮގާއި ތެދު ހިމެނޭހެން ކެނޑިނޭޅި މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނުމާއި، ކޮންމެ ކަމެއްގެ ޙަޤީޤަތްވެސް ހޯދައިބެލުމަށްވެސް، އެންމެން ސަމާލުވާން ޖެހޭކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

''އެއީ، ދުލުން ނުވަތަ ގަލަމުން ކޮށްލެވޭ ޒަޚަމެއްގެ ސަބަބުން އަޅާ ވޭނާއި، އުފެދޭ ނުތަނަވަސްކަމުން، އަންދާޒާ ނުކުރެވޭވަރުގެ ބޮޑެތި ގެެއްލުން މުޖުތަމަޢަށް ލިބިގެން ދިޔަ ނުދިނުމަށްޓަކައި'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސްގެ ޚިތާބުގައި ވަނީ ނޫސްވެރީންގެ ޤައުމީ މަސްއޫލިއްޔަތާއި ވާޖިބު، ހެޔޮ ގޮތުގައި އިޚްލާޞްތެރިކަމާއެކު އަދާކޮށްދިނުންމަތީ ދެމިތިބުމަށް އިލްތިމާސްކުރައްވާފައެވެ.