ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ކުޅުދުއްފުށި ސިޓީއަށް ވަޑައި ގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިދަތުރުގައި ކުޅުއްދުއްފުށީ ސިޓީގައި އޭނާ ދީނީ ދަރުސް ދެއްވާނެއެވެ.
މުފްތީ މެންކް ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށް، މި މަހުގެ 14 އިން 18 އަށް ރާއްޖެއަށް ކުރައްވާ ޒިޔާރަތުގެ ތެރޭގައެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މުފްތީ މެންކްގެ މި ދަަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގެ އިތުރުން މާލެ އާއި އައްޑޫ ސިޓީގައި ތަގުރީރު ކުރައްވާނެ ކަމަށެވެ.
ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް އަކީ އިސްލާމްދީނުގެ ރިވެތި އުސޫލުތައް ބުނެދީ، ދީނީ މައުލޫމާތު ޒުވާން ޖީލަށް ފޯރުވައިދިނުމަށް ސޯޝަލް މީޑިއާގައިވެސް ވަރަށް ހަރަކާތްތެރި އިލްމުވެރި އެވެ.
މުފްތީ ގެންދަވަނީ އެކިއެކި މައުލޫތަކަށް ކޮންމެ ދުވަހަކު ޓްވީޓް ކުރައްވައި، ހެޔޮ ނަސޭހަތާއި، ދިރިއުޅުމުގެ ރިވެތި އާދަކާދަ ބުނެދެއްވުމަށް ކޮންމެ ދުވަހަކުމެ މެސެޖުތައް ފޯރުކޮށްދެއްވަމުން ނެވެ.
އިރުމަތީ އެފްރިކާ އަދި އެނޫން ސަރަހައްދުތަކުގެ ގައުމުތަކުގައިވެސް ގިނަ ތަގުރީރުތަކެއް ދެއްވަމުން ގެންދަވާ ޝެއިޚް މުފްތީ އަކީ ޒިމްބާބުވޭގެ މުސްލިމު އާބާދީއަށް އިސްލާމީ ތައުލީމު ފޯރުކޮށްދޭ މަޖްލީސުއް އުލަމާގެ ދަށުން ހިންގަމުން އަންނަ އިސްލާމީ އެޑިއުކޭޝަން ސެންޓަރު ނުވަތަ ދާރުލް އިލްމުގެ ޑިރެކްޓަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!