ލޯކަލް ކައުންސިލްތަކަށް ސަރުކާރުން ދޫކުރާ ފަޅު ރަށްތައް 25 އަހަރަށް ބޭނުން ހިފޭނެގޮތް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު އިއްޔެ ރ. އަދި ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އިއްޔެ ރ. މީދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އިޤްތިޞާދީ ތަރައްޤީ ހާސިލްކުރުމަށްޓަކައި މުޅި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ލޯކަލް ކައުންސިލްތައް ބާރުވެރިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވައި ރައީސް ވިދާޅުވީ، މިހާރު ކޮންމެ ކައުންސިލަކަށްވެސް ފަޅުރަށެއް ނެގޭނެކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
މިގޮތައް ކައުންސިލްތަކަށް ދޫކުރެވޭ ފަޅުރަށަކީ ކޮންމެހެން ރަށާ އެންމެ ކައިރީގައި އޮންނަ ރަށަށް ވާން ނުޖެހޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެހެން ސަރަހައްދަކުންވެސް ބޭނުން ހިފިދާނެ ރަށެއް އޮތްނަމަ އެ ރަށެއް ހޯދުމުގެ ފުރުޞަތު ކައުންސިލްތަކަށް ހުޅުވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ކައުންސިލްތަކަށް ދޫކުރާ ފަޅު ރަށްތައް 25 އަހަރަށް ބޭނުން ހިފޭނެގޮތަށް ހެދުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސްގެ ރޭގެ ވާހަކަފުޅުގައި ވަނީ އެންމެ މުހިންމީ ރައްޔިތުންގެ ފުދުންތެރިކަން ޔަޤީންވެގެންދިޔުންކަމުގައި ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!