ނަފްސާނީ އިޖްތިމާއީ އެހީތެރިކަމުގެ ޤައުމީ ހެލްޕްލައިން މިއަދު އިފްތިތާހްކޮށްފިއެވެ.

މި ހެލްޕްލައިން އިފްތިތާޙް ކުރުމަށް ސިއްހަތާބެހޭ ވުޒާރާގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ހެލްޕްލައިން އިފްތިތާޙްކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު އަބުދުﷲ ރާފިއު އެވެ.

Ad
rt

ނަފްސާނީ އިޖްތިމާޢީ އެހީތެރިކަމުގައި ގުޅާނެ ޚާއްޞަ ހެލްޕްލައިން ނަންބަރަކީ 1677 އެވެ.

ސައުވީސް ގަޑިއިރު ޚިދުމަތް ލިބޭގޮތަށް އިފްތިތާޙްކުރެވުނު މި ހެލްޕްލައިންގެ މަޤުސަދަކީ، ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހިތެރިވުމާއި، ނަފްސާނީ އެކި އުނދަގޫތައް ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯނު މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށް ދިނުން އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޯށްދީ ނަފްސާނީ ގޮތުން އުންދަގޫ ޙާލަތްތަކާއި އިހްސާސްތައް ކުރިމަތިވާ ދަނޑިވަޅެއްގައި އެފަރާތްތަކަށް ސައިކޯ ސޯޝަލް ސަޕޯޓްގެ އެހީތެރިކަން ފޯރުކޮށްދީ ވާހަކަތައް ޙިއްސާކުރެވޭނެފަދަ މާޙައުލެއް ޤާއިމްކުރުމަކީ ވެސް މި ހެލްޕްލައިން ގާއިމު ކުރުމުގެ މަގްސަދެކެވެ.

މިއަދު އިފްތިތާޙް ކުރެވުނު މި ހެލްޕްލައިނުން ނަފްސާނީ ފުރަތަމަ އެހީތެރިކަން ހުރިހާ އުމުރަކަށްވެސް ފޯރުކޯށްދެވޭނެ ކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.

ނަފްސާނީ ފުރަތަމަ އެހީގެ އިތުރުން އެފަދަ މައްސަލަ ޙައްލުކުރުމުގައި އެހީތެރިވުމާއި، މައުލޫމާތު ފޯރުކޮށްދިނުމާއި ގުޅުންހުރި ޚިދުމަތްތަކަށް ހެދިފައިވާ އުޞޫލުތަކުގެ ތެރެއިން ރެފަރަލް ހަދައިދެވޭނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

ނަފްސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިނެއް އިފްތިތާޙްކުރުމަކީ ރައީސުލްޖުމުހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ހަފްތާ14 ގެ ވަޢުދެކެވެ.