ސްޕެނިޝް ލަލީގާގައި މިރޭ ރެއާލް މެޑްރިޑާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ވަޔެކާނޯގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ.
މި މޮޅާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލަށް ވަނީ ހަ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ރެއާލަށް 25 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ޖިރޯނާއަށް 24 މެޗުން ލިބިފައި ވަނީ 56 ޕޮއިންޓެވެ. މާދަމާރޭ ޖިރޯނާއާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ފަރަގު ތިން ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ޖިރޯނާއަށް އެބައޮތެވެ. ވަޔެކާނޯ މިވަގުތު އޮތީ ތާވަލުގެ 14 ވަނާގައެވެ. އެ ޓީމަށް 25 މެޗުން ލިބިފައި ވަނީ 25 ޕޮއިންޓެވެ.
މިރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ރެއާލުންނެވެ. މި ލަނޑު ތިންވަނަ މިނެޓުގައި ވަލްވަޑޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ މަޓެއޯ ހޮސެލޫއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަޔެކާނޯއިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 27 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ރައުލް ޑި ތޯމަސްއެވެ.
އަނިޔާގެ ސަބަބުން މި މެޗުގައި ބެލިންހަމް ކުޅެފައިނުވާއިރު، މިއީ މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޓޯނީ ކްރޫސް ރެއާލުގެ ޖޯޒީގައި ކުޅުނު 450 ވަނަ މެޗެވެ. މެޗުގެ 75 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރެއާލްގެ ކަރަވަހާލްއަށް ވަނީ މެޗުގެ ފަހުކޮޅު ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑު ދައްކާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!