މިދިޔަ ފަސް އަހަރުގެ ތެރޭގައި ލޯން ނަގައިގެން ރައްޔިތުންނަށް ލިބުނު ލާބަ އާއި މަންފާއެއް ނެތް ކަމަށާއި އެ ރައްޔިތުންގެ ޖީބުތައް ތަނަވަސްވެ، މުއްސަނދިވެފައި ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީގައި މިއަދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ އަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހަވީރު މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ނޮވެމްބަރު 17 ގައި ސަރުކާރާ ހަވާލުވި އިރު، ދައުލަތުގެ ދަރަނި ހުރީ 120 ބިލިއަން ރުފިޔާ އަށް އަރާފައި ކަމަށެވެ. އެމަނިކުފާނު ސިފަ ކުރެއްވި ގޮތުގައި މިއީ މި ސަރުކާރަށް "ވާރުތަވި" ދަރަންޏެވެ. ރައީސް ވިދާޅުވީ އެކަން އެގޮތަށް ނެތް ކަމަށް ބުނެ، ރައްޔިތުންނަށް ވިސްނައިދޭން ބަޔަކު އުޅޭތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.
"މިހާރު އެކަން އެގޮތަށް ކުރި ފަރާތްތަކުން އެކަންކަން އެހެން ނެތް ކަމަށް ރައްޔިތުންނަށް ވިސްނައިދޭން އުޅޭ އުޅުން އެއީ ހައިރާން ވާން ޖެހޭ ކަމެއް. 120 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް، މިއިން ޒަމާނަކު ރާއްޖޭގެ އިގްތިސާދު ނުވެއްޓޭހާ ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮތީ. އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ ލޯން ކޮންމެ އަހަރަކު ނަގަމުން ދިޔައީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރަށް ވެސް މަސައްކަތް ކުރެވޭނީ އެކި ކަހަލަ ލޯނާއި ފެސިލިޓީތައް ހޯދައިގެން ކަމަށާއި ސަރުކާރުތަކުން ލޯން ނެގުމަކީ މައްސަލައެއް ނޫން ކަމަށެވެ. މީގައި މައްސަލައަކަށް ވަނީ ކުރިން ނެގި ލޯންތަކުން ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތީމަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ރައްޔިތުންނަށް އެންމެ ލާބަ އާއި މަންފާ ލިބޭ ގޮތަށް އެކަން ކުރުމަކީ އަދި ތަފާތު ކަމެއް. މިދިޔަ ދުވަސްތަކުގައި ނެގިފައި ހުރި ލޯންތައް ނަގާފައި ހުރީކީ އެގޮތަކަށް ނޫން. އެ ނެގުނު ލޯންތަކުން ކުރަމުންދާ މަސައްކަތްތަކުން ރައްޔިތުންނަށް އެ މަޝްރޫއުތަކުން ވާ ފައިދާ ވަރަށް ކުޑަ،" ރައީސް ވިދާޅުވިއެވެ.
ސިނަމާލެ ބްރިޖު މަޝްރޫއު ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ މަޝްރޫއަކީ ވެސް ލޯނާއި ހިލޭ އެހީގެ ތެރެއިން ހިންގުނު މަޝްރޫއެއް ކަމަށެވެ. އެކަމަކު، އެ މަޝްރޫއު ހިންގުނީމަ، ދިވެހި ރައްޔިތުން ދިޔައީ މުއްސަނދިވެގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ބްރިޖާ ގުޅޭ މެޓީރިއަލް ހޯދުން ކަމަށްވިޔަސް ނުވަތަ ލޮޖިސްޓިކް މަސައްކަތް ކުރަން ވިޔަސް ފުރުސަތު ލިބުނީ ދިވެހި ކުންފުނިތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މީގެކުރިން ނަމަ، "މޮހޮރެއް" ވިޔަސް ގެންނަން ޖެހެނީ ލޯން ދޫކުރި ގައުމުންނެވެ. ދިވެހި ރައްޔިތުންނަށް މަޝްރޫއުތަކުން ލިބުނު މުއްސަނދިކަމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ލޯން ނަގާނީ ރައްޔިތުންނަށް މުއްސަނދިކަން ލިބޭ ގޮތަށް ކަމަށެވެ. ލޯން ނަގައިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް ވެސް އާރޯކަން ގެނެސްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ލޯން ނަގާނީ ދިގު މުއްދަތަކަށް ބަހާލައިގެން އިގްތިސާދަށް ކަތާ ވަރަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!