ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރިއާލް ސޮސިއެޑާޑް ބަލިކޮށް ޕީއެސްޖީން ކުއާޓާ ފައިނަލުގެ އުންމީދު ބޮޑު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވެއެވެ. ޕީއެސްޖީގެ ފުރަތަމަ ލަނޑު 58 ވަނަ މިނެޓުގައި ޖަހައިދިނީ އެމަބާޕޭއެވެ. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ޖެހި 44 ވަނަ ލަނޑެވެ. އޭގެ ފަހުން ދެވަނަ ލަނޑެއް ޖަހަން އޭނާ ފޮނުވާލި ބޯޅަ ސޮސިއެޑާޑްގެ ކީޕަރު ރެމިރޯ އަތުގައި ޖެހިފައި ގޮސް އެ ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ޕީއެސްޖީގެ ދެވަނަ ލަނޑު 70 ވަނަ މިނެޓުގައި ޖަހައިދިނީ ބްރެޑްލޭ ބަކޯލާއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ފަބިއަން ރުއިޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.
މި ދެ ޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗު މާޗް 5 ވަނަ ދުވަހު ކުޅޭނީ ރިއާލް ސޮސިއެޑާޑްގެ ދަނޑުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!