ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް މީހަކު ހޯދަން އެ އިދާރާއިން ޢިއުލާންކޮށްފިއެވެ.
ޒަކާތު ހައުސްއިން ''ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު''ގެ މަޤާމަށް ހޯދަން ކޮށްފައިވާ ޢިއުލާންގައިވާ ގޮތުން މި ޒީފާއަށް ފުރަތަމަ މީހަކު ހަމަޖައްސަން ނިންމާފައި ވަނީ އެއް އަހަރާއި 11 މަހައްށެވެ. މި މުއްދަތު ހަމަވުމުން މަސައްކަތުގެ ފެންވަރުބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެކަމަށް ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެކަމަށް އެ ޢިއުލާންގައި ބުނެފަވެއެވެ.
މި މަޤާމަށް ކުރިމަތިލާ މީހެއްގެ ކިބާގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި އިސްލާމީ ޢިލްމުތަކުގެ ރޮނގަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ދީނީ ދާއިރާގައި އަދި ޒަކާތާ ގުޅޭ މަސައްކަތުގައި މަދުވެގެން 05 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ، ޢަރަބި އަދި އިނގިރޭސި ބަސް ރަނގަޅަށް ދަންނަ ފަރާތެއްކަމުގައިވުން. ނުވަތަ އިސްލާމީ ޢިލްމުތަކުގެ ރޮނގަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ދީނީ ދާއިރާގައި އަދި ޒަކާތާ ގުޅޭ މަސައްކަތުގައި މަދުވެގެން 10 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ، ޢަރަބި އަދި އިނގިރޭސި ބަސް ރަނގަޅަށް ދަންނަ ފަރާތެއްކަމުގައިވުން ހިމެނެއެވެ.
މި މަޤާމަށް ހޯދާ މީހަކަށް ލިބިދޭ މުސާރައާއި އިނާޔަތް
- މުސާރަ: 28500.00ރ
- ލިވިން އެލަވަންސް: 12500.00ރ
- ސާވިސް އެލަވަންސް: 2500.00ރ
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތީން ޕެންޝަން ފައިސާ
- ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ
ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް މީހަކު ހޯދަންކޮށްފައިވާ ޢިއުލާން ބެއްލެވުމަށް: ''ޢިއުލާން''
ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ރައީސް މުޢިއްޒު ''ދިވެހިރާއްޖޭގެ ޒަކާތު ހައުސް'' އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހްކޮށްދެއްވާފައި ވަނީ 2 ޖެނުއަރީ 2024 ގައެވެ.
ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. އަދި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!