ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީގެ އަނދިރިކޮށް ހުރި ގިނަ މަގުތަކެއްގައި ލައިޓްޖަހައި ދިއްލައި އަލިކޮށްފިއެވެ.
މި ޕްރޮޖެކްޓްގެ ދަށުން 200 އަށްވުރެ ގިނަ ލައިޓް ވަނީ އެ ސިޓީގައި އަނދިރިކޮށް އޮތް އެތައް މަގަކާއި އަލަށް ހެދި ބައެއް މަގުތަކުގައި ޖަހާފައެވެ.
ސިޓީ ކައުންސިލުން މި ޕްރޮޖެކްޓް އަންބަލަން ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހުއެވެ. މި ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ 2,853,954.00ރ (ދެމިލިޔަން އަށްލައްކަ ފަންސާސް ތިންހާސް ނުވަސަތޭކަ ފަންސާސް ހަތަރު ރުފިޔާ) އަށް، 115 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.
މިކަމާއި ގުޅޭގޮތުން އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މީގެ 2 އަހަރު ކުރިން ނިންމި އެންމެ ބޮޑު އެއް ނިންމުމަކީ އެ ރަށުގެ ބިން ތަރުތީބުކޮށް ސާފުކުރުމާއި، ރަށުތެރޭގައި ހިނގާބިނގާވެ ދަތުރުކޮށް އުޅުމަށް ރައްޔިތުން އުފުލަންޖެހޭ ތަކުލީފު ކުޑަކުރުމަށް އިސްކަންދީގެން މަސައްކަތްތަކެއް ކުރުން ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށު އެއާޕޯޓް ފެންސް ކައިރިންނާއި ބޮޑަވަކި ފަލުގެ ހޮޅަނގާއި އުތުރުން މަގުހަދައި އެ ރަށުގެ 2 ފަޅިން އެއާޕޯޓާއި ގުޅުވާލުމަށްފަހު މިއަދު ދިއްލާލެވުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.
އެ ރަށުގައި 2011 ވަނަ އަހަރު ހިއްކާފައި އޮތް 28 ހެކްޓަރުގެ ބިމުގައި މަގެއް ފާހަގަވާން ނެތި އެއްވެސް އަލިކަމެއް ނެތިއޮންނަތާ ގިނަދުވަސްވުން ނިމުމަކަށްގެނައުމަށް ރަށްމަތިފަންނާއި 2 ބަނދަރުގެ ކައިރިން މަގެއްހަދައި ކަންމުޑި ރާނާ މަގުބައްތި ޖަހައި ނިންމާލެވުމަކީވެސް ލިބުނު ބޮޑު އުފަލެއްކަމުގައި މޭޔަރު ވަނީ ފާހަގަ ކޮށްފައެވެ.
މޭޔަރު އިތުރަށް ބުނީ އުތުރު ބަނދަރުގެ އިރުމަތިން އޮތް ހުސްބިން ވާވެ މަގެއްނެތި އަނދިރިކޮށް އޮތުމުން ލިބެމުންދިޔަ ޝަކުވާ ނިމުމަކަށް ގެނައުމަށް އެތަން ސާފުކޮށް، މަގުތައް ފާހަގަ ކުރުމަށް ކަންމުޑި ރާނައި އެ ސަރަހައްދު އަލިކުރެވުމަކީވެސް ލިބުނު ހިތްހަމަ ޖެހުމެއް ކަމަށެވެ.
ބޯޒިޔާރަތް ބީޗްކައިރި މަގާއި އެމްއެންޔޫ ކެންޕަސް ހުޅަނގުންއޮތްމަގާއި ރަށުތެރޭގެ ބައެއް ސަރަހައްދުތަކުގައި އަލިކަމެއްނެތި ރައްޔިތުން އުފުލަމުންދިޔަ ތަކުލީފަށް ނިމުމެއް ގެނެވިފައިވާކަން ވެސް މޭޔަރު ވަނީ އުފަލާއިއެކު ފާހަގަ ކޮށްފައެވެ.
އެ ރަށުގެ އިރުމަތީ ފަރާތުގައި ދިރިއުޅޭ ރައްޔިތުން އެކަހެރިކޮށް ތިބި ތިބުން ނިމުމަކަށް ގެނައުމަށް އެފަރާތު ހޭޅި ކައިރިން ހަދަމުންދާ މަގުނިމި މަގުބައްތި ޖެހިގެން ދިއުމުން އެ ސަރަހައްދު ރަށުގެ ޓްރެފިކާއި ގުޅި މޫވްމަންޓް އިތުރުވެ ދިރުން ލިބިގެންދެކަން ފާހަގަ ކުރަމުން މޭޔަރު ވަނީ މި ޕްރޮޖެކްޓް ކާމިޔާބުކަމާއިއެކު ނިންމާލުމަށް އެހީވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!