ނަފްސާނީ ފަރުވާގައި ދިވެހި ޅެން ބޭނުން ކުރުމުގެ ޢިލްމީ މަސައްކަތް އެކުލަވާލަން ކަމާބެހޭ ބައެއް މުއައްސަސާތަކުން މަޝްވަރާކޮށްފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބުނީ، ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމާއި، ނަފްސާނީ ފަރުވާގައި ދިވެހި ޅެން ބޭނުން ކުރުމުގެ ޢިލްމީ މަސައްކަތް އެކުލަވާލައި ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން ކަމާގުޅޭ ބައެއް މުއައްސަސާތަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

Ad
rt

މި މަޝްވަރާކުރިއަށް ގެންގޮސްފައިވާއިރު، ނަފްސާނީ ފަރުވާގައި ދިވެހި ޅެންތައް ބޭނުންކުރެވިދާނެ ތޯ ބަލަމުންދާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ގދ. ތިނަދޫގައި 27 ޖެނުއަރީ 2024 ގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވަޒީރު ވިދާޅުވީ، ބޭރުގެ ގައުމުތަކުގައި ޅެންވެރިކަމަކީ ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދުމުގައި ބޭނުންކުރާ ވަސީލަތެއްކަމަށެވެ. އަދި، ޅެންވެރިކަމަކީ، ހަމައެކަނި މުނިފޫހި ފިލުވުމަށާއި އިހުސާސްތަކާއި ކުޅެލުމަށް އޮތް ލިޔެލާ ބަސްކޮޅެއް ނޫންކަމަށެވެ.

އެއާއިއެކު، ރާއްޖޭގެ ގައުމިއްޔަތު އިއާދަކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި ޅެންވެރިކަމަށް ހާއްސަ އިސްކަމެއް ދެއްވަވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި، ޅެންވެރިކަމުން ނަފްސާނި މައްސަލަތަކަށް ފަރުވާ ދެވޭތޯ ބައްލަވާނެ ކަމަށާއި، އެކަމަށް ދިރާސާއެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޅެންތައް ބޭނުންކޮށްގެން ފަރުވާދިނުމަކީ ނަފްސާނީ ބަލިތައް ތަހައްމަލު ކުރާ މީހުންނަށް އުފާވެރިކަން ގެނެސްދޭ ކަމެއްކަން ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ މިއީ ހިތްވަރު އާލާކުރެވި ފިކުރުތަކާއި ދުރުކުރެވޭނެ ކަމެއް ކަމަށް ދުނިޔޭގެ ދިރާސާތަކުން ދައްކައިފައިވާ ކަމަށެވެ.